ކުއްލި ޚަބަރު

ތިނަދޫގައި ނިޔާވި ދެމީހުން ކޮވިޑަށް ނެގެޓިވް: މަބްރޫކް

ގދ. ތިނަދޫގައި ނިޔާވި ދެމީހުން ކޮވިޑް 19އަށް ނެގެޓިވް ކަމަށް ކޮވިޑާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މިދިޔަ އަންގާރަ ދުވަހު ވަނީ 87 އަހަރުގެ މީހަކު ނިޔާވެފައެވެ. އަދި އިއްޔެ އެ ހޮސްޕިޓަލުގައި 78 އަހަރުގެ މީހަކު ނިޔާވިއެވެ.

އެ ދެ މީހުންނަކީ ވެސް ނޭވާލުމުގެ މައްސަލަތަކެއް ކުރިމަތިވެގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ ދެ މީހުންނެވެ. ނަމަވެސް އެމީހުން މަރުވީ ކޮވިޑް ބަލީގައިތޯ ބެލުމަށް ދެ މީހުންގެ ސާމްޕަލް ވަނީ ނަގައިފައެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، އެ ދެމީހުންގެ ނަތީޖާ ވެސް ނެގެޓިވް ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ޖެހިފައިވާ 396 މީހަކު މިހާތަނަށް ފެނިފައިވާއިރު އެބަލީގައި އެކަކު ވަނީ މަރުވެފައެވެ. އެއީ 83 އަހަރުގެ އަންހެނެކެވެ. އަދި 17 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.