ކޮވިޑް 19 ޖެހިގެން ނިޔާވި މީހާގެ ނަތީޖާ ލިބުނުލެއް ލަސް ކަމަށާއި އަދި އެކަން ގަބޫލުކުރާ ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބުރޫކު މިހެން ވިދާޅުވީ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެގޮތުން އެމީހާ ޕްރައިމަރީ ކޮންޓެކްޓެއްކަން ފާހަގަވެފައިވަނީ މިމަހު 25 ވަނަ ދުވަހު ކަމަށާއި ސާމްޕަލް ނަގާފައިވަނީ މިމަހު 27ގައި ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި ސާމްޕަލް ނުނަގާ ދެދުވަސް ވި އިރު، މިކަން ހިނގީ ކިހިނެއްކަން އެނގެން ޖެހޭކަމަށް ގަބޫލު ކުރައްވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ ލަސްކަމެއް އުޅޭކަމަށް ގަބޫލު ކުރައްވާކަމަށެވެ. ނަމަވެސް މިކަމުގައި ލަސްކަމެއް އައިސްފައިވާކަން އެނގޭނީ ހެލްތު މިނިސްޓްރީން މިހާރު ކުރިއަށްގެންދާ ތަހުގީގު ނިމުމުން ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި ތަހުގީގު ނިމުނުހާ އަވަހަށް އެ މައުލޫމާތު ހިއްސާކުރާނެ ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.
މީގެ އިތުރުން މި ހާދިސާގައި އެއްވެސް މީހެއްގެ އިހުމާލެއް އޮތްކަން ފާހަގަވެއްޖެ ނަމަ އެކަން ނުފޮރުވާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި ވީހާވެސް ދެފުށް ފެންނަ ގޮތަށް މި މަސައްކަތް ކުރިއަށްގެންދާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.