މިދުވަސްވަރު މާލެއިން ރަށްރަށަށް ދާ މީހުންވެސް 14 ދުވަސް ކަރަންޓީނު ނުކުރާ ގޮތަކަށް ނުހެދޭނެ ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދުވުމުގައި މަބްރޫކް ވިދާޅުވީ، މާލެއިން ރަށްރަށް ދާ މީހުން 14 ދުވަހަށް ކަރަންޓީން ނުކުރާ ގޮތަށް މިހާތަނަށް ނިންމާފައި ނުވާ ކަމަށާއި އެހެންކަމުން މިހާތަނަށް އެއްބަސްވެވިފައި އޮތީ އެމީހުން 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރަން ޖެހޭ ގޮތަށް ކަމަށެވެ.
"ކަރަންޓީންގެ 14 ދުވަސް ނުލާ މުޖުތަމައަށް ނެރެވޭ ގޮތަށް ކަންކަން ނުކުރެވޭނެ،" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، މާލެއިން އަތޮޅުތެރެއަށް ދާ މީހުން ކަރަންޓީން ކުރުމާމެދު އަމަލުކުރާނެ ގޮތެއް ނިންމުމަށް ސޯސިއަލް ކައުންސިލުން މިރޭ ބައެއް ސިޓީތަކުގެ ކައުންސިލްތަކާއެކު މަޝްވަރާކުރަމުން އަންނަ ކަމަށާއި، އެ މަޝްވަރާތައް ނިމުމުން އެކަމާމެދު އަމަލު ކުރާނެ ގޮތް އެންއީއޯސީއަށް ސޯސިއަލް ކައުންސިލުން އަންގާނެ ކަމަށެވެ.
މާލެ ލޮކްޑައުންކުރުމާއެކު މާލޭގައި އެކިއެކި ބޭނުންތަކުގައި އައިސްފައި ތިބި މީހުންނާއި ރިސޯޓުތަކުން ރަށަށް ދިއުމަށް މާލެ އައިސް ތިބި ގިނަ ފަރާތްތަކެއް ވަނީ ރަށަށް ނުދެވި މާލޭގައި ތާށިވެފައެވެ.
މާލެ ލޮކްޑައުން ކުރުމާ ގުޅިގެން އަތޮޅުތެރޭގައި ތިބި މާލޭގެ ރަށްވެރިންނާއި، މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން މާލެ އަންނަން ބޭނުންވާ މީހުންނަށް މާލެ އާދެވޭނެ އިންތިޒާމުތައް އެޗްޕީއޭއާ ގުޅިގެން ފުލުހުން އަންނަނީ ހަމަޖައްސަމުންނެވެ.