ކުއްލި ޚަބަރު

މިދިޔަ 24 ގަޑިއިރު ތެރޭ ޕޮޒިޓިވްވި މީހުންގެ ތެރޭން 95 މީހުންނަކީ އެއްތަނެއްގައި އުޅޭ މީހުން: މަބްރޫކް

އަލީ ޔާމިން

މިދިޔަ 24 ގަޑިއިރު ތެރޭ ޕޮޒިޓިވްވި މީހުންގެ ތެރޭން 95 މީހުންނަކީ އެއްތަނެއްގައި އުޅޭ މީހުން ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ނޭޝަަނަލް އަމަޖެންސީ އޮޕަރޭޝަންސް ސެންޓަރު އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، މިއަދު ކޮވިޑަށް ޕޮޒިޓިވްވި 119 މީހުންގެ ތެރެއިން 95 މީހުންނަކީ އެއް ތަނެއްގައި އުޅެމުންދިޔަ ބައެއެއް ކަމަށެވެ.

"މިއަދު ޕޮޒިޓިވްވި 95 މީހުންނަކީ އެގޮތަށް އެއްތަނެއްގައި ދިރިއުޅެމުން އައި ބިދޭސީން،" މަބްރޫކް ވިދާޅިވިއެވެ.

އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްއަަށް ނިސްބަތްވާ 61 މީހަކާއި އިންޑިއާގެ 32 މީހެއްގެ އިތުރުން ނޭޕާލްގެ ދެ މީހެކެވެ.

މަބްރޫކް ވިދާޅުވީ، ބިދޭސީން ދިރިއުޅެމުންދިޔަ އެ ތަނަކީ ފުލުހުން މޮނިޓާ ކުރަމުންދިޔަ ތަނެއް ކަމަށެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ 23 ތަނެއް ފުލުހުން މޮނިޓާ ކުރަމުންގެންދާ ކަމަށާއި އެ ތަންތަނުގައި 1085 މީހުން އުޅެމުންގެންދާ ކަމަށެވެ. އަދި އެ ތަންތަނުގައި އުޅޭ ހުރިހާ މީހުންގެ ސާމްޕަލްތައް ނަގައި ޓެސްޓް ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް 396 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. އަދި ރޭވަނީ އެބަލީގައި ރާއްޖެއިން މީހަކު މަރުވެފައެވެ.