އިތުރު 5000 ޓެސްޓް ކިޓާއި 500 ޕީޕީއީ ސެޓު އަދި 15 ވެންޓިލޭޓަރު ރާއްޖެއަށް ގެނެސްފައިވާ ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ އެ ތަކެތި ރާއްޖެ ގެނެސްފައިވަނީ ތައިލެންޑާއި ސިންގަޕޫރަށް ދިޔަ ކާގޯ ބޯޓަކުން ކަމަށާއި އެ ކާގޯ ބޯޓު މިރޭ ރާއްޖެ އައިސްފައިވާ ކަމަށެވެ.
"މީގައި 5000 ޓެސްޓު ކިޓު ރާއްޖެއަށް ގެނެވިފައިވޭ. 5000 މާސްކު ގެނެވިފައިވޭ. 500 ސެޓު ޕީޕީއީ. އަދި 15 އޮޓޯބައިޕާޕް ނޮން އިންވޭސިވް ވެންޓިލޭޓާސް ގެނެވިފައިވޭ،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ މިހާތަނަށް 8008 ސާމްޕަލެއް ނެގިފައިވާ ކަމަށާއި އޭގެ ތެރެއިން 6915 ސާމްޕަލް ނެގަޓިވް ކަމަށެވެ. އަދި ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ 396 މީހެކެވެ.
މިއަދު އެކަނިވެސް ރާއްޖެއިން ވަނީ 107 މީހަކު ޕޮޒިޓިވްވެފައެވެ. މިއަދަކީ އެއް ދުވަހެއްގައި ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވްވި ދުވަހެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 95 މީހުންނަކީ އެއް ތަނެއްގައި ދިރިއުޅޭ މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 61 ބަންގުލަދޭޝް މީހުންނާއި 32 އިންޑިއާ މީހުންގެ އިތުރުން ނޭޕާލް ދެ މީހުންނެވެ.