ކުއްލި ޚަބަރު

އިއްޔެ ނިޔާވި އަންހެން މީހާގެ ފިރިމީހާއަށް ފަރުވާދެނީ ދަރުމަވަންތައިގައި، މިވަގުތު ރަނގަޅު: މަބްރޫކް

އިއްޔެ ނިޔާވި ކޮވިޑަށް ޕޮޒިޓިވް އަންހެން މީހާގެ ފިރިމީހާއަށް ފަރުވާދެނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ކަމަށާއި މިވަގުތު އޭނާގެ ހާލު ރަނގަޅު ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ ނިޔާވި މީހާގެ ފިރިމީހާ މިއަދުގެ ވަގުތެއްގައި ނޭވާލާން އުނދަގޫވެގެން އުޅުނު ކަމަށާއި ނަމަވެސް މިހާރު އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

"މި ނިޔާވި ބޭފުޅާގެ ފިރިކަލުންގެ ހާލު މިވަގުތު ރަނގަޅު. ފިރިކަލުން މިވަނީ މި ބައްޔަށް ޕޮޒިޓިވްވެފައި. އަދި މިހާރު ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެވެމުންދަނީ. މިއަދުގެ ވަގުތެއްގައި ނޭވާލުން އުނދަގޫވި ކަމަށް އަޅުގަނޑުމެންނަށް އެނގޭ. އެހެންނަމަވެސް މިހާރު ކޮންޑިޝަން ސްޓޭބަލް ކަމަށް މައުލޫމާތު ލިބިފައި އޮތީ،" އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ ނިޔާވި މީހާ ހިމެނެނީ އެމްއެޗްއެފް ކްލަސްޓާގައި ކަމަށާއި އެ ކްލަސްޓާ ފެށެނީ ކޭސް 72 އިން ކަމަށެވެ. އަދި ނިޔާވި މީހާއަށް ބަލި ޖެހިފައިވަނީ ކޭސް 72ގެ ޕްރައިމަރީ ކޮންޓެކްޓެއް ކަމަށްވާ ކޭސް 126ގެ ފަރާތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ނިޔާވި މީހާއަކީ ކޭސް 126ގެ ޕްރައިމަރީ ކޮންޓެކްޓެއް. ނިޔާވި މީހާ އާއި ކޭސް 126އާ އެންމެ ފަހުން ބައްދަލުވީ މިމަހުގެ 14 ވަނަ ދުވަހު. ނިޔާވި މީހާ ދިރިއުޅޭ ބިލްޑިން މޮނީޓަރިންގެ ހާލަތަށް ގެނެވުނީ އެ ބިލްޑިންއަކީ އޭއެމްއެޗް ކްލަސްޓާގައި ހިމެނޭ ދެ ޑަރައިވަރުން ދިރިއުޅެމުންދިޔަ ބިލްޑިންއަށް ވާތީ،" އޭނާ ވިދާޅުވިއެވެ.

މަބްރޫކު އިތުރަށް ވިދާޅުވީ ނިޔާވި މީހާއަކީ ކޭސް 126ގެ ޕްރައިމަރީ ކޮންޓެކްޓެއްކަން އެނގުނީ މިމަހުގެ 25ގައި ކަމަށާއި އެކަން އެނގުމުން ސާމްޕަލް ނެގުމަށް އެންގުނީ މިމަހުގެ 27ގައި ކަމަށެވެ. އަދި މިމަހުގެ 28 ވަނަ ދުވަހުގެ ދަންވަރު 3:45ގައި ނެގި ސާމްޕަލްގެ ނަތީޖާ ލިބުނީ ރޭ މެންދަމު 12:00ގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.