ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒަށް މާލެ އެރުނު ސަބަބު ސާފުކޮށްދިނުމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ސިރާޖު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މިމަހުގެ 25 ވަނަ ދުވަހު އަބްދުﷲ ރިޔާޒު ކުރެއްވި ޓުވީޓެއްގައި ތިމަރަފުށީގައި ހޭދަކުރި 15 ދުވަހަށް ފަހު ފަތިހުގެ ވަގުތެއްގައި މާލެ އޭދެވިފައިވާ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
އެ ޓުވީޓާ ގުޅިގެން ރައްޔިތުންގެ މެދުގައި މަޖިލީހުގެ މެންބަރުންނާ މެދު ނަފުރަތު އުފެދި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ނުފޫޒާއި ބާރު ބޭނުންކޮށްގެން ކަންކަން ކުރާ ބައެއްގެ ގޮތުގައި ލޭބަލް ކުރެވިފައިވާ ކަމަށް ސިރާޖު ވިދާޅުވިއެވެ.
ސިރާޖު ވިދާޅުވީ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަވްވެވަޑައިގަންނަވާ ތިން މެންބަރަކު މިވަގުތު ވެސް އެބޭފުޅުންގެ ދާއިރާގައި އެބަ ތިއްބެވި ކަމަށާއި އެ މެންބަރުންނަށް މާލެ އައުމަށް މަސައްކަތްކޮށް ނާދެވުނު ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ.
އެހެންކަމުން މާލެ ލޮކްޑައުންކުރެވިފައިވާ ދަނޑިވަޅެއްގައި މާލެ އަންނަން ހުއްދަދެވިފައިވޭތޯ އާއި ހުއްދަ ދެވިފައިވާނަމަ، ހުއްދަ ދެވިފައިވަނީ ކޮންމެހެން މާލެ އަންނަންޖެހޭ ކޮން ސަބަބެއް ދިމާވެގެންކަން މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ބަލައި އެކަން ސާފުކޮށްދިނުން އެދޭ ކަމަށާއި އެކަމަކީ މެންބަރުގެ ސުލޫކާ ގުޅޭ އަމަލެއް ކަމަށް ދެކޭ ކަމަށް ވެސް ސިރާޖުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
އަބްދުﷲ ރިޔާޒަށް މާލެ ވަޑައިގެންނެވުނު ގޮތާ ގުޅޭގޮތުން އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ރޭ ވިދާޅުވީ އަބްދުﷲ ރިޔާޒު މާލެ އައުމަށް ހުއްދަ ދިނީވެސް އެހެން މީހުންނަށްވެސް ދޭ އުސޫލުން ކަމަށާއި އެކަމުގައި ތަފާތުކޮށްފައި ނުވާނެ ކަމަށެވެ.
ފައިރޫޝް ވިދާޅުވީ، މާލެ އައުމުގެ ހުއްދައެއް ރިޔާޒް އެޗްޕީއޭގައި އެދިފައިވަނީ އީމެއިލްގެ ޒަރީއާއިން މިމަހުގެ 17 ވަނަ ދުވަހުގައި ކަމަށާއި އެ އީމެއިލް 18 ވަނަ ދުވަހު އެޗްޕީއޭއިން ފުލުހުންނަށް ފޯރުކޮށްދިނުމުން، ފުލުހުންގެ ފަރާތުން އެ އީމެއިލްއަށް ޖަވާބު ދީފައިވާނީ 25 އޭޕްރީލްގައި ކަމަށެވެ.
"ދެން މިކަމާ ގުޅިގެން ފުލުހުންނަށް ހުއްދަ ދެވޭނެ ކަމަށް ނިންމާފައި މިއޮތް ނިންމުމާ ގުޅިގެން 18 އޭޕްރީލްގައި މި ލިބުނު އީމެއިލަށް ފުލުހުން ޖަވާބު ދީފައި މިވަނީ 25 އޭޕްރީލްގައި. ފުލުހުންގެ ފަރާތުން މި ޖަވާބު ދެވުނީ އެންއީއޯސީގައި ގާއިމުކޮށްފައި ހުންނަ ޕޮސިލް ކްލަސްޓާއިން ބަލަން ޖެހޭ ހުރިހާ ކަމެއް ބެލުމަށް ފަހު، ވަރަށް ގިނަ ބަޔަކަށް 185 މީހަކަށް ވަނީ ހުއްދަދެވިފައި. އެހެންވީމާ ރިޔާޒަށް ވަކި ހާއްސަ ހުއްދައެއް ދެވުނީއެއް ނޫން." ފައިރޫޝް ވިދާޅުވިއެވެ.
ފައިރޫޝް ވިދާޅުވީ، އަތޮޅުތެރެއިން މީހުން ގެނައުމުގައި އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށާއި އެކަމުގައި އަމަލު ކުރާނީ ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.