ކުއްލި ޚަބަރު

ކުރެއްދޫ ރިސޯޓަށް މީހުން އަރައި ފޭބުމުގެ ހުއްދަ ދީފި

ހުރިހާ މުވައްޒަފުންގެ ނަތީޖާ ލިބުމުން ކުރެއްދޫ އައިލެންޑް ރިސޯޓަށް މީހުން އަރައި ފޭބުމުގެ ހުއްދަ ދީފިއެވެ.

ރާއްޖޭގައި ކޮވިޑް 19ގެ ފުރަތަމަ ކޭސް ފެނުނު ކުރެއްދޫގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން "ވަން"އަށް ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަ ދީފައިވަނީ މެންދުރުފަހުގެ ވަގުތެއްގައި ކަމަށެވެ.

މިހާރު މެނޭޖްމަންޓުގެ ފަރާތުން އެ ރިސޯޓުގައި ތާށިވެފައި ތިބި މުވައްޒަފުން، އެމީހުންގެ ރަށްރަށަށް ފޮނުވުމަށް ނަގަން ޖެހޭ ހުއްދަތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ހުއްދަ ހޯދުމަށް ވަކި ގޮތަކަށް އަމަލުކުރުމަށް އިރުޝާދުދީފައި ނުވާ ކަމަށް މުހުތާޒް ވިދާޅުވިއެވެ.

މުހުތާޒު ވިދާޅުވީ ކުރެއްދޫގައި ކަރަންޓީނުގައި އެ ރިސޯޓުގެ 650 މުވައްޒަފުން ތިބި ކަމަށާއި ކަރަންޓީނު ފެސިލިޓީތަކުގައި ތިބޭ އެހެން މީހުންނަށް ސަރުކާރުން ހަރަދުކުރި ނަމަވެސް ކުރެއްދޫ މުވައްޒަފުންގެ ކެއުމާއި އެހެނިހެން ހަރަދުތައް ކޮށްފައިވަނީ އެ ރިސޯޓު ހިންގާ ކްރައުން ޗަމްޕާ އެންޑް ރިސޯޓްސް އިން ކަމަށެވެ.

"އެ ރިސޯޓުގެ ހުރިހާ މުވައްޒަފުންގެ ނަތީޖާ ވަނީ ލިބިފައި. އެ ހުރިހާ ނަތީޖާއެއް ވެސް ނެގަޓިވް. މިހާރު އެޗްޕީއޭ އިން ވަނީ ކުރެއްދުއަށް އަރައި ފޭބުމުގެ ހުއްދަ ދީފައި. އެޗްޕީއޭގައި އެ އޮންނަ އުސޫލުގެ ދަށުން މުވައްޒަފުން، އެމީހުންގެ ރަށްރަށަށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖައްސައިދޭނެ،" އޭނާ ވިދާޅުވިއެވެ.

މުހުތާޒު ވިދާޅުވީ ކޮވިޑާ ގުޅިގެން ކުރެއްދޫގެ މުވައްޒަފުންނަށް ރިސޯޓުން އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 28 ދުވަސް ފަހުން ފޭބޭނެ ގޮތަށް ހަމަޖެއްސި ނަމަވެސް މިހާރު 50 އަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި އެތައް މުވައްޒަފުންތަކެއް އެމީހުންގެ އާއިލާތަކާ ބައްދަލުނުކުރެވި އެތައް ދުވަހެއް ވެފައިވާ ކަމަށެވެ. އަދި އެޗްޕީއޭގެ މަސައްކަތްތައް ލަސްވެގެންދިޔަ ސަބަބު ހޯދުމަށް ގާނޫނީ ޓީމުން ސިޓީތަކެއް ފޮނުވި ނަމަވެސް އެއިން އެއްވެސް ސިޓީއަކަށް ޖަވާބު ލިބިފައިނުވާ ކަމަށް ވެސް މުހުތާޒު ވިދާޅުވިއެވެ.

އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 28 ދުވަސް ފަހުން ކުރެއްދޫގައި ތިބި މީހުންނަށް ފޭބޭ ގޮތަށް ކުރިން އެޗްޕީއޭ އިން ހަމަޖެއްސައި، އެ ރިސޯޓުގައި ތިބި އެންމެން ކޮވިޑަށް ޓެސްޓުކުރަން ނިންމިއެވެ. އެ މުއްދަތު މިމަހުގެ 14 ވަނަ ދުވަހު ހަމަވި ނަމަވެސް، އޭގެ ފަހުން މާލެ ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސް، މުޅި ރާއްޖެ ލޮކްޑައުންކުރުމާއެކު އިތުރަށް ދިގުލައިގެން ދިޔައެވެ.

ކުރެއްދޫގައި ތިބި މުވައްޒަފުންނާ ގުޅޭގޮތުން ސަރުކާރުން ދާދި ފަހުން ބުނެފައިވަނީ އެ މުވައްޒަފުންނަށް ރިސޯޓުން ފޭބޭނީ ހުރިހާ މުވައްޒަފުންގެ ނަތީޖާތައް ލިބުމުން ކަމަށެވެ. ހުރިހާ ނަތީޖާތަކެއް ލިބިފައިމިވަނީ ސާމްޕަލްތައް ނެގިތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.