ރާއްޖޭގައި އިތުރު 95 މީހުން ކޮވިޑަށް ޕޮޒިޓިވް ވެ ޖުމުލަ 396 އަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ބުނީ، މިއަދު ހަވީރު 4:30 އާ ހަމައަށް އިތުރު 95 ކޭސް ފެނިފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ 61 ބަންގުލަދޭޝް މީހުންނާއި 32 އިންޑިއާ މީހުންގެ އިތުރުން ނޭޕާލް ދެ މީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މިއަދު ޕޮޒިޓިވް ވި މީހުންނަކީ އައިސޮލޭޝަންގައި ތިބި މީހުންނާއި ފުލުހުން ބަލަހައްޓަމުން އަންނަ ބިދޭސީން އުޅޭ ތަންތަނުން ނެގި ސާމްޕަލްތަކުން ޕޮޒިޓިވް ވި މީހުން ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.
މިއާއެކު ރާއްޖެއިން މި ވައިރަސް އަށް ޕޮޒިޓިވް ވި މީހުންގެ ޖުމުލަ އަދަދު މިވަނީ 396 އަށް އަރާފައެވެ. މިއަދަކީ އެއް ދުވަހެއްގައި ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވް ވި ދުވަހެވެ.