ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރަން ނިންމައިފިއެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ސޮއިކުރައްވައި މިއަދު ނެރުއްވި ގަރާރުގައި ވިދާޅުވީ، ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19އަށް ދިވެހިރާއްޖޭގައި ޕޮޒިޓިވް ވި ފުރަތަމަ ކޭސް މިދިޔަ މަހުގެ ހަތްވަނަ ދުވަހުގައި ފެނުނު ފަހުން، އެ ބަލި ފެތުރުން އިތުރުވަމުން އައިސްފައިވާ ކަމަށެވެ. އަދި ކޮވިޑް 19 އަކީ "ޕެންޑަމިކް" އެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން މިދިޔަ މަހުގެ 11 ވަނަ ދުވަހު ކަނޑައަޅާފައިވާ ކަމަށާއި، އެއާއެކު އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ލިބިދޭ ބާރުގެ ދަށުން، މިދިޔަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް، ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި، އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު، މިއަދުގެ ނިޔަލަށް ދެމެހެއްޓުމަށް މި މަހުގެ ދިހަ ވަނަ ދުވަހު ނިންމައިފައިވާ ކަމަށެވެ.
ނަމަވެސް އެ މުއްދަތު މިއަދަަށް ހަވާތީއާއި، ކޮވިޑް 19ގެ ނުރައްކާ އަދިވެސް ބޮޑުވަމުންދާތީ މެއި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރެއްވީ ކަމަށް ގަރާރުގައި ވެއެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮވިޑް 19 ފެތުރުމުގެ ނުރައްކާ އަދިވެސް އޮތް ކަމަށާއި، އެހެންކަމުން އެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލު ކުރެވޭ ކަމަށް އެމަނިކުފާނަށް ލަފާދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް 19އަށް 396 މީހަކު ޕޮޒިޓިވް ވެފައިވާއިރު، މި ބަލީގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ރޭ ވަނީ މީހަކު ނިޔާވެފަ އެވެ.