މާލިއްޔަތު ކޮމެޓީ

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މުސާރައާއި އެލަވަންސްގެ ގޮތުގައި 30،000 ކަނޑައަޅަން މަޝްވަރާކޮށްފި

އިބްރާހިމް ޒަކީ

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އައްޔަން ކުރަންޖެހޭ، ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މުސާރައާއި އެލަވަންސްގެ ގޮތުގައި 30،000 ކަނޑައަޅަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ރޭ މަޝްވަރާކޮށްފިއެވެ.

ރޭ ބޭއްވި އެ ކޮމިޓީގެ ބައްދަލުމުގައި ދެ ހުށަހެޅުމެއް ވަނީ ހުށަހަޅައިފައެވެ.

އޭގެ ތެރެއިން، ޗިލްޑްރަންސް އޮމްބަޑްސްޕާސަނަށް މުސާރައިގެ ގޮތުގައި، 20،000 ރުފިޔާ އާއި އެލަވަންސްގެ ގޮތުގައި 10،000 ރުފިޔާއާއެކު 30،000 ރުފިޔާ ދިނުމަށް ހުށަހަޅާފައިވަނީ ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބުއެވެ. މީގެ އިތުރުން 4750 ރުފިޔާގެ އިންޝުއަރެންސް ޕެކެޖެއް ކަނޑައެޅުމަށް އިލިޔާސް ހުށަހެޅުއްވިއެވެ.

މީގެ އިތުރުން ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މުސާރަ އާއި އެލަވަންސްގެ ގޮތުގައި 25،000 ރުފިޔާ ކަނޑައެޅުމަށްވެސް އިތުރު މެންބަރަކު ރޭގެ ބައްދަލުވުުމުގައި ވަނީ ހުށަހަޅައިފައެވެ. އެއީ މުސާރައިގެ ގޮތުގައި 15،000 ރުފިޔާ އައި އެލެވަންސްގެ ގޮތުގައި 10،000 ރުފިޔާއެވެ.

ނަމަވެސް ރޭގެ ކޮމިޓީ ބައްދަލުވުމުގައި މީގެން އެއްވެސް ހުށަހެޅުމެއް ފާސްކޮށްފައެއް ނުވެއެވެ.

ރޭގެ ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުން ނިންމެވީ، ޕޭ ކޮމިޝަންގެ ރައީސް އާއިި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއާ މަޝްވަރާ ކުރެއްވުމަށްފަހު އެކަމަށް ގޮތެއް ނިންމެވުމަށެވެ.

މީގެ އިތުރުން ކޮވިޑް 19 ގެ މި ހާލަތަކީ، ގައުމަށް އިގްތިސާދީ ބޮޑެތި ކަންތައްތަކެއް ދިމާވެފައިވާ ހާލަތަކަށްވާތީ، އިތުރު ފަރާތަކަށް މުސާރަ ދިނުމަށް ނިންމުމުގެ ބަދަލުުގައި، މިހާލަތު ނިމުމުން އެ މަގާމަށް މުސާރަ ކަނޑައަޅަން ފަސްކުރެވެން އޮތްތޯ ބެލުމަށްވެސް ރޭގެ ބައްދަލުވުމުގައި ވަނީ ނިންމައިފައެވެ.

ގާނޫނުގައި ވާގޮތުން ވަކި މުއްދަތެއްގެ ކުރިން އެ މަގާމަށް މީހަކު އައްޔަން ކުރަންޖެހެއެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މުސާރަ ކަނޑައެޅުމަށް، މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައި މިވަނީ، އެ މަގާމަށް ގދ. ތިނަދޫ ހިރިޔާ ސިޔާނަތު ހާޝިމް އައްޔަން ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން އެ ނަން ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވާފައިވާތީއެވެ.

އެމަގާމަށް އޭނާ އައްޔަން ކުރުމާބެހޭގޮތުން މަޖިލީހަށް ފެންނަ ގޮތެއް ނިންނާމީ ކޮމިޓީން އޭނާގެ ނަން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުންނެވެ.