ނ. މާފަރު މޮނީޓަރިންގެ ހާލަތަށް ގެނެސް، ހުއްދަ ނުހޯދައި ރަށުން ނުފޭބުމަށް އަންގާފައިވަނިކޮށް، އެކަމަށް ގޮންޖަހައި މަހަށް ދިޔަ ދެމީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި މި ދެމީހުން ހައްޔަރު ކޮށްފައިވަނީ ރަށުން ބޭރަށް ދިއުމުގެ އަމުރަށް ގޮންޖަހައި މަސް ދަތުރު ދިއުމުގެ އިތުރުން، ރަށުގެ އާންމު މަސްލަހަތު ގެއްލޭ ގޮތަށް އަމަލު ކޮށްފައިވާތީއެވެ.
އެގޮތުން މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 44 އަހަރުގެ ދިވެހި ފިރިހެނަކާއި 59 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ރޭ 22:40 ހާއިރު މި ދެމީހުން ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގައި ކޮވިޑް 19 ފެތުރެމުންދާއިރު، ރަށްރަށުގެ ޓާސްކް ފޯސްތަކުން އަންގާ އެންގުންތަކަށް ތަބާވުމަށް ފުލުހުން އިލްތިމާސްކުރެއެވެ.