ހޯމް ކަރަންޓީނު ވުމުގެ ވަގުތު އަޅުގަނޑުމެންނާ ކުރިމަތިލާނެ ކަމަށާއި އެހާލަތަށް ތައްޔާރުވެތިބެން ޖެހޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ކޮވިޑް 19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން ގޮސް، ސިސްޓަމަށް ނުކަތާ ވަރަށް ހިނގައްޖެ ހިނދެއްގައި އޭގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތަކާއި ދަތިތައް އެއީ އެންމެންނަށް ވެސް ލަފާކުރެވޭ، އެނގޭ ދަތިތަކެއް ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތްކުރަމުން މިގެންދަނީ އަދި އަޅުގަނޑުމެންގެ ވިސްނުން ވެސް ފެށުނު ދުވަހުން ފެށިގެން ވެސް މިހުރީ އަޅުގަނޑުމެންގެ ހާލަތު ގޯސް ވެގެންދާނެ ކަމަށް ވިސްނައިގެން، ގޯސްވެގެންދާ ހާލަތުގައި މަސައްކަތްކުރަން ޖެހޭ މަސައްކަތުގެ މައްޗަށް. ގޭގައި ކަރަންޓީނު ކުރަންޖެހޭ ހާލަތު އަޅުގަނޑުމެންނަށް އަންނާނެ. އެވަގުތު އަޅުގަނޑުމެންނާ ކުރިމަތިލާނެ. އެކަން އަޅުގަނޑުމެން ކުރަން ޖެހޭނެ. އެހެންވީމާ އެކަމަށް އަޅުގަނޑުމެން ވިސްނުމުގެ ގޮތުންނާއި ވަސީލަތުގެ ގޮތުންނާއި ދެންވެސް ވާންޖެހޭ ތައްޔާރީއެއް ވުމަކީ މިހާރު އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. އެ ހާލަތު އަޅުގަނޑުމެންނާ ބައްދަލުނުކޮށް ދިއުން އެއީ އަޅުގަނޑުމެން އެންމެންގެ ވެސް ދުއާއަކީ. އެހެންނަމަވެސް ދުނިޔޭގައި ކޮވިޑުގެ ހާލަތު އޮތްގޮތާއި ކޮވިޑް 19އަށް ހުރި ފަރުވާތަކާއި އަދި އެހެން ގައުމުތަކުން ކޮށްފައިވާ ތަޖުރިބާއަށް ބަލާއިރު، އަޅުގަނޑުމެން އެ ހާލަތަށް ދާނެ. އެހެންވީމާ އެކަމަށް ތައްޔާރުވުން އެއީ މުހިންމު ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވީ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު ހާއްސަކޮށް މާލޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު އިތުރުވުމާއި، އެ ބިދޭސީންގެ ދިރިއުޅުމުގެ ހާލަތު ހުރިގޮތުން އެއް ތަނެއްގައި ގިނަ އަދަދެއްގެ މީހުން އުޅުން ކަމަށެވެ. އަދި މާލޭގައި އެއް ކުޑަ ތަންތަންކޮޅުގައި ގިނަ މީހުން އުޅުމަކީ ވެސް އޮތް ގޮންޖެހުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ދެވަނަ ކަމަކީ މާލެއަކީ ވަރަށް ގިނަ ބަޔަކު ދިރިއުޅޭ ރަށަކަށް ވެފައި، މާލޭގައި ވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ދިރިއުޅެން ޖެހިފައި މިވަނީ ކުޑަ ތަނެއްގައި. މީގެ ސަބަބުން ހުރި ގޮންޖެހުންތަކަކީ ކުރިން ވެސް އަޅުގަނޑުމެންނަށް ލަފާކުރެވިފައި ހުރި އަދި މިއަދުވެސް އަޅުގަނޑުމެންގެ ތެރޭގައި ހުރި އެންމެ ބޮޑު ގޮންޖެހުން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ އެ ގޮންޖެހުންތަކާއެކު ވެސް ބަލިން ރައްކާތެރިވުމަށް އޮތް އެންމެ ބޮޑު ފަރުވާއަކީ ލޮކްޑައުންގެ ހާލަތުގައި ވެސް، ކަރަންޓީނު ހާލަތުގައި ވެސް ގޭގައި މަޑުކުރުން ކަމަށާއި އާދަޔާ ހިލާފަށް ބަލި އިތުރުވެގެން ނުދިއުމަށް ބޮޑު މަސައްކަތެއް ކުރަން ޖެހޭ ކަމަށެވެ.
މިއަދު ވަނީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހަކު މަރުވެފައެވެ. އުމުރުން 83 އަހަރުގެ އާމިނަތު އާދަމް މިރޭ 7:10ގައި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައެވެ. އަދި އޭނާގެ ކޮވިޑަށް ޕޮޒިޓިވް ނަތީޖާ ލިބިފައިވަނީ އޭނާ މަރުވި ފަހުންނެވެ.