ދުނިޔޭގެ ހުރިހާ ގައުމަކުން ކުރިމަތިލި ހާލަތު ރާއްޖެއަށްވެސް އަންނާނެ ކަމަށާއި އިތުރު މީހުން މަރުވެސް ވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގައި ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށާއި ކުރިއަށްއޮތްތަނުގައި ކްރިޓިކަލް ހާލަތަށް ވެސް ދާނެ ކަމަށެވެ.
"ކްރިޓިކަލް ފަރުވާގެ ތެރޭގައި އަޅުގަނޑުމެންގެ ތެރެއިން މީހުން ދުނިޔެ ދޫކުރާ އަދަދު ވެސް މިއަށްވުރެ އިތުރުވެގެންދާނެ. އެހެންވީމާ މި ހާލަތު މިއީ ހުރިހާ ގައުމެއް ތަޖުރިބާ ކޮށްފައި އޮތް ހާލަތު. އަޅުގަނޑުމެންނަށް ވެސް މި ހާލަތު އަރާ ހަމަކުރާނެ. އެހެންނަމަވެސް އަޅުގަނޑުމެން މަސައްކަތްކުރަމުން މިގެންދަނީ އަދި އަޅުގަނޑުމެންގެ ހުރިހާ އިންތިޒާމުތަކެއް ތަރުތީބުކޮށްފައި މިވަނީ އަޅުގަނޑުމެންނަށް ކުރިމަތިވާ އުނދަގޫ ހާލަތުން އަރައިގަތުމަށް މަސައްކަތްކުރުމުގެ މައްޗަށް. އަޅުގަނޑުމެން ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑެއް ފެތުރިގެންދާ އިރު އަޅުގަނޑުމެން މިހާރު ވަރަށް ބުރަކޮށް މަސައްކަތްކުރަމުން މިގެންދަނީ އަޅުގަނޑުމެންގެ އަދަދު އިތުރުވަމުންދާ ދިއުން ކޮންޓްރޯލުގެ ތެރެއިން ގެންދިއުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު ހާއްސަކޮށް މާލޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު އިތުރުވުމާއި، އެ ބިދޭސީންގެ ދިރިއުޅުމުގެ ހާލަތު ހުރިގޮތުން އެއް ތަނެއްގައި ގިނަ އަދަދެއްގެ މީހުން އުޅުން ކަމަށެވެ. އަދި ގިނަ މީހުން މާލޭގައި ކުޑަ ތަންތަން ކޮޅުގައި ދިރިއުޅެން ޖެހިފައިވުމަކީ އޮތް ގޮންޖެހުމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ދެވަނަ ކަމަކީ މާލެއަކީ ވަރަށް ގިނަ ބަޔަކު ދިރިއުޅޭ ރަށަކަށް ވެފައި، މާލޭގައި ވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ދިރިއުޅެން ޖެހިފައި މިވަނީ ކުޑަ ތަނެއްގައި. މީގެ ސަބަބުން ހުރި ގޮންޖެހުންތަކަކީ ކުރިން ވެސް އަޅުގަނޑުމެންނަށް ލަފާކުރެވިފައި ހުރި އަދި މިއަދުވެސް އަޅުގަނޑުމެންގެ ތެރޭގައި ހުރި އެންމެ ބޮޑު ގޮންޖެހުން. އެހެންވީމާ މި ގޮންޖެހުމާ އެކީގައި އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒު، މި ބަލިން ރައްކާތެރިވުމަށްޓަކައި އެންމެ ބޮޑު ފަރުވާއަކީ ގޭގައި މަޑުކުރުން. އަދި ލޮކްޑައުންގެ ހާލަތުގައި ވެސް، ކަރަންޓީނު ހާލަތުގައި ވެސް އަޅުގަނޑުމެން މިކަންކަމަށް އަމަލުކުރުން. މިއީ އާދަޔާ ހިލާފަށް ބަލި އާދަޔާ ހިލާފަށް އިތުރުވެގެން ނުދިއުމަށް ކުރަން ޖެހޭ އެންމެ ބޮޑު މަސައްކަތަކީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ މިހާތަނަށް އާދެވުނު އިރުގައި އަޅުގަނޑުމެންނަށް ކުރެވުނު މަސައްކަތުން ކޮންމެވެސް ވަރަކަށް ނަތީޖާ ފެންނަމުން އަންނަ ކަމަށް ގަބޫލުކުރެވޭ ކަމަށާއި ކުރިއަށްއޮތް ތަނުގައި ވެސް މި ލޮކްޑައުންގެ ހާލަތުގައި އަދި ކަރަންޓީނަށް ރަނގަޅަށް އަމަލުކުރެވިއްޖެ ކަމުގައިވާ ނަމަ، އެއީ ގޭގައި ކަރަންޓީނު ކުރި ކަމަށްވިޔަސް ފެސިލިޓީގައި ކުރިކަމުގައިވިޔަސް އެގޮތަށް އަމަލުކުރެވިއްޖެ ކަމުގައިވާނަމަ ނަތީޖާ ހާސިލުކުރެވޭނެ ކަމަށެވެ.
މިއަދު ވަނީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހަކު މަރުވެފައެވެ. އުމުރުން 83 އަހަރުގެ އާމިނަތު އާދަމް މިރޭ 7:10ގައި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައެވެ. އަދި އޭނާގެ ކޮވިޑަށް ޕޮޒިޓިވް ނަތީޖާ ލިބިފައިވަނީ އޭނާ މަރުވި ފަހުންނެވެ.