ކޮވިޑް 19 ޖެހިގެން ނިޔާވި މީހާއާ ގުޅިގެން އިހުމާލެއް އޮތްތޯ ބައްލަވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ އިހުމާލެއް އޮތް ކަމަށް ފާހަގަކުރެވުނު ކަމުގައިވިޔަސް، އަދި ކަމެއް ރިޕޯޓު ނުކުރި ކަމުގައިވިޔަސް ކަންކަން ބަލާނެ ކަމަށެވެ.
"ކަމެއް ފާހަގަކުރެވޭ ކަމަށްވަންޏާ، އަޅުގަނޑުމެން އެކަމެއް ބަލާނަން. މިވަގުތާ ހިސާބަށް އައި އިރު، އަޅުގަނޑުމެން ފަހަތަށް އެނބުރި އެހެން ކަންކަން ބަލާނަން. އަދި ކަމެއް ރިޕޯޓު ނުކުރި ކަމުގައިވީ ނަމަވެސް، މިހެން ދިމާވެއްޖެ ކަމަށްވަންޏާ އަޅުގަނޑުމެންގެ ޕްރޮސެސްތައް ވެސް ރިވައިސްކޮށް އަޅުގަނޑުމެން ބަލާނަން އަޅުގަނޑުމެންގެ ޕްރޮސެސްތަކުގައި ލަސްކަމެއް ހުރި ކަމަށްވަންޏާ ލަސްކަމެއް ހުރިތޯ ޔަގީންކޮށް އެކަމެއް ބަލާނަން. އަދި އެކަމަކަށް ގެންނަން ޖެހޭ ބަދަލުތައް އަޅުގަނޑުމެން ގެންނާނަން،" އޭނާ ވިދާޅުވިއެވެ.
މިއަދު ނިޔާވި މީހާއާ މެދު އެޗްޕީއޭ އިން އަމަލުކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. އެގޮތުން އެމީހާ ހޮސްޕިޓަލަށް ގެންދިއުމުގައި ލަސްތަކެއް އުޅުނު ކަމަށާއި އުމުރުން ދުވަސްވީ މީހަކަށްވާ އިރު އެމީހާގެ ޓެސްޓުގެ ނަތީޖާ ލިބުން ލަސްވި ކަމަށް ވެސް ބައެއް މީހުން ބުނެ ފާޑުކިޔުންތައް އަމާޒުކުރިއެވެ.
މިއަދު ނިޔާވެފައިވަނީ އުމުރުން 83 އަހަރުގެ އާމިނަތު އާދަމެވެ. މިރޭ 7:10ގައި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައެވެ. މިމަހުގެ 27 ވަނަ ދުވަހުގެ ރޭ އޭނާގެ ސާމްޕަލް ނެގި އިރު، ޓެސްޓުގެ ނަތީޖާ ލިބިފައިވަނީ އޭނާ ނިޔާވި ފަހުންނެވެ.