މިއަދު ނިޔާވި މީހާ އުފުލި އެމްބިއުލެންސްގައި ތިބި މީހުންނަށް އޮތް ރިސްކު ވަރަށް ކުޑަ ކަމަށް ޑރ. އަލީ ލަތީފް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އަލީ ލަތީފް ވިދާޅުވީ އެމީހާ އުފުލި އެމްބިއުލަންސްގެ ޑްރައިވަރު ހުރީ މާސްކެއް އަޅައި އަންގި ލައްވައިގެން ކަމަށާއި އެހެންކަމުން އޭނާއަށް އޮތް ރިސްކު ވަރަށް ކުޑަ ކަމަށެވެ.
"ބަލި މި ފެތުރެނީ ކެއްސާ އިރު ނުވަތަ ވަރަށް ކައިރިން ވާހަކަދައްކައި ގިނައިރު ކޮންޓެކްޓް ވެއްޖެ ނަމަ އެކަނި ރިސްކު މި އޮންނަނީ. އެހެންވީމާ މިރޭގެ އެ އެމްބިއުލަންސް ޑްރައިވަރުގެ އެކަހަލަ އެއްވެސް ރިސްކެއް ނެތް. އެމްބިއުލާންސް ޑްރައިވަރު ހުރީ މާސްކެއް އަޅައިގެން، ގްލަވްސް ބޭނުންކޮށްގެން. އެހެންވީމާ އެމްބިއުލަންސް ޑްރައިވަރަކަށް އެވަރުގެ ބޮޑު ރިސްކެއް ހުންނާނެ ކަމަކަށް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ. އެންމެ ބޮޑުވަރު ވިޔަސް އެމްބިއުލަންސްގެ ޑްރައިވަރު ހިމެނޭނީ ލޯ ރިސްކުގައި. އެހެންނަމަވެސް މި ހުރިހާ ކަމަކަށް ބަލާއިރު، އެމްބިއުލަންސް ޑްރައިވަރުގެ ރިސްކު ވަރަށް ކުޑަ،" އޭނާ ވިދާޅުވިއެވެ.
ޑރ. އަލީ ލަތީފް ވިދާޅުވީ ކޮވިޑާ ގުޅިގެން ކަރަންޓީނުކޮށްފައި ހުރި ގެޔަކުން ވިޔަސް ނުވަތަ އެހެން ގެޔަކުން ވިޔަސް މީހަކު ހޮސްޕިޓަލަށް ގެންގޮސްފި ނަމަ، ޑޮކްޓަރުންނާއި ނަރުހުން ތިބޭނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި ތައްޔާރުވެގެން ކަމަށެވެ.
"މާލޭގައި ކޮވިޑް ފެތުރިފައިވާތީ އަޅުގަނޑުމެން ބަލަން ޖެހޭނީ ކޮވިޑް 19އާ ގުޅިގެން ކަރަންޓީނުކޮށްފައި ހުރި ގެޔަކުން ވަޑައިގަންނަވާ ބޭފުޅެއް ވިޔަސް، އަދި އެހެން ގެޔަކުން ވަޑައިގަންނަވާ ބޭފުޅެއް ވިޔަސް ހޮސްޕިޓަލަށް ގެންގޮސްފިއްޔާ އަޅުގަނޑުމެން ބަލަންޖެހޭނީ ފަހަރުގައި ވެދާނެއޭ ކޮވިޑް 19ގެ ޕޭޝަންޓެއް ކަމަށް ވެސް. އެހެންވީމާ މިހާރު އީއާރުގައި ތިއްބަވާ ހުރިހާ ޑޮކްޓަރުން ވެސް، ނަރުހުން ވެސް މާސްކު އަޅައިގެން ތިއްބަވާނީ. އޭގެ އިތުރުން ވަކި ހާއްސަ ޒޯނެއްގައި ތިއްބަވާ ބޭފުޅުން ތިއްބަވާނީ ފުލް ޕީޕީއީ އަޅައިގެން." ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.