އިތުރު ދެ މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑް 19އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 280 އަށް އަރައިފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފު ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވި މީހުން މިހާރު ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައި ކަމަށެވެ.
"މިހާތަނަށް ކޮވިޑް 19އަށް ޕޮޒިޓިވްވެފައި މިވަނީ 280 މީހުން. މީގެ ތެރެއިން އަޅުގަނޑުމެން އައިސޮލޭޓް ކޮށްފައިވަނީ 118 މީހުން ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި، 51 މީހުން ފަރުކޮޅުގައި، ހުޅުލޭ އައިސޮލޭޝަން ފެސިލިޓީގައި 93 މީހުން. ހުޅުމާލެ ފޭސް 2 އައިސޮލޭޝަން ފެސިލިޓީގައި 82 މީހުން. ޖުމްލަ 280 މީހުން،" އޭނާ ވިދާޅުވިއެވެ.
ޑރ. އަލީ ލަތީފް ވިދާޅުވީ މިހާތަަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ފަސް މީހަކު ފަރުވާ ހޯދަމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށާއި އެ ފަސް މީހުންގެ ހާލު ވެސް އަދި ރަނގަޅު ކަމަށެވެ.
"އެހެން ގައުމުތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ގާތްގަނޑަކަށް 2.3 ޕަސަންޓް މީހުން ނިޔާވޭ. އެހެންވީމާ އަޅުގަނޑުމެންގެ މި ޖުމްލަ އަދަދަށް ބަލާއިރު ގާތްގަނޑަކަށް 15 ޕަސަންޓް ކޮންޕްލިކޭޝަން އައިސްފިއްޔާ، ބަލި އިތުރަށް ބޮޑުވެއްޖެއްޔާ އެޑްމިޓްކުރަން ޖެހޭނެ 40 ޕޭޝަންޓުން. އޭގެ ތެރެއިން 14 ޕޭޝަންޓުންނަށް އައިސީޔޫގައި ފަރުވާދޭން ޖެހޭނެ. ނަމަވެސް އިރާދަފުޅުކުރެއްވިއްޔާ މިހާރު އަޅުގަނޑުމެންގެ މި ކޮމްޕްލިކޭޝަން ރޭޓް އެހާ މައްޗެއް ނޫން އަދިއެއް،" އޭނާ ވިދާޅުވިއެވެ.
ޑރ. އަލީ ލަތީފް އިތުރަށް ވިދާޅުވީ ކޮވިޑް ޖެހުމަށްފަހު ބަލި ބޮޑުވެއްޖެ ނަމަ، ފުރާނަ ގެއްލުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ނަމަވެސް ކޮވިޑް ޖެހުމަށްފަހު އިތުރު ބަލިތަކަކާ ކުރިމަތިލާން ޖެހޭ މީހުންގެ އަދަދު ރާއްޖޭގައި އަދި އެހާ މައްޗެއް ނޫން ކަމަށެވެ.