ކޮވިޑަށް ޕޮޒިޓިވް ތިން މީހަކަށް އައިސީޔޫގައި އޮކްސިޖަން ގުޅައިގެން ފަރުވާދެމުން އަންނަ ކަމަށް ޑރ. މޫސާ ހުސައިން ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މޫސަ ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަ ފަސް މީހުންނަކީ އެހެނިހެން ބަލިތައް ވެސް ތަހައްމަލުކުރާ މީހުން ކަމަށެވެ.
މީގެ ތެރެއިން 80 އަހަރުގެ ބޭފުޅާ މިއަދު ކޮންމެވެސް ވަރަކަށް އޮކްސިޖަން ދަށްވެގެން އަޅުގަނޑުމެން އޮކްސިޖަން ސަޕޯޓެއް ދީފައިވާނެ. އެހެންވީމާ ފުރަތަމަ އައި ދުވަހަށް ބަލާފައި ކުޑަކޮށް ހާލަތު ދަށްވި ދުވަހަކަށް މިއަދު މިވަނީ. މިރޭ 70 އަހަރުގެ ބޭފުޅަކުވެސް ކޮމްޕްލިކޭޝަންތަކަކާ އެއްކޮށް އަޅުގަނޑުމެން ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާއަށް މި ޝިޕްޓު ކުރީ. އޭގެ އިތުރުން 40 އަހަރުގެ ދެ ބޭފުޅުންނާއި 68 އަހަރުގެ ބޭފުޅެއް ވެސް މިވަގުތު ފަރުވާދެމުން މިދަނީ. މީގެ ތެރެއިން ތިން ބޭފުޅުންނަކީ މިވަގުތު އޮކްސިޖަން ސަޕޯޓުގައި އޮތް ތިން ބޭފުޅުން،" އޭނާ ވިދާޅުވިއެވެ.
ޑރ. މޫސަ ވިދާޅުވީ އެމީހުންނަކީ ހަކުރުބައްޔާއި ލޭމައްޗަށް ދިއުމާއި ސްޓްރޯކް ފަދަ އެހެނިހެން ބަލިތައް ތަހައްމަލުކުރާ މީހުން ކަމަށާއި ނަމަވެސް ބަލި ބޮޑުވެގެން ވެންޓިލޭޓަރަށް ލާން ޖެހޭ ހިސާބަށް އަދި ނުދާ ކަމަށެވެ.
މިހާތަނަށް ރާއްޖެއިން ވަނީ 280 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން ބަލިން ރަނގަޅުވެފައިވަނީ 17 މީހެކެވެ.