ކޮވިޑް ޖެހިގެން މިއަދު ނިޔާވި މީހާގެ ކަށުކަމާކެމީގެ ކަންތައް ކުރާނީ އަންހެން ސިފައިން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ކަށުކަމާކެމީގެ ކަންތައްތަކުގައި ބައިވެރިވާ ސިފައިން އެކަމަށް ތައްޔާރުވެފައިވާ ކަމަށެވެ
"ހިނެވުމުގެ ކަންކަމާއި ނިޔާވުމަށްފަހު ވަޅުލުމުގެ ކަންކަން ވެސް މިހުރީ އިލްމުވެރިންނާ މަޝްވަރާކުރެވި އިންތިޒާމުތައް ހަމަޖެހިފައި. ހިނެވުމުގެ ކަންކަމުގައި މި ކުރިއަށްގެންދަނީ ސިފައިންގެ އަންހެން ބޭކަނބަލުން. މި ސިފައިން ވަނީ ފުރިހަމައަށް ތައްޔާރުވެފައިވަނީ. އެނގިވަޑައިގަންނަވާނެ ސިފައިންގެ ބައެއް ބޭފުޅުން ވެސް ޕޮޒިޓިވްވެފައިވާކަން ފާހަގަކުރަން. އެހެންނަމަވެސް ސިފައިންގެ ހުރިހާ ބޭފުޅުން ވަރަށް ހިތްވަރާއެކީ، ވަރަށް ސާބިތުކަމާއެކީ މި ކޮވިޑުގެ ހާލަތަށް ކުރިމަތިލައްވާ ލެއްވުން އަޅުގަނޑުމެން ފާހަގަކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވީ އުމުރުން 83 އަހަރުގެ އާމިނަތު އާދަމް ނިޔާވީ މިރޭ 7:10ގައި ކަމަށާއި އޭނާއަކީ މީގެ ކުރިން ޕޮޒިޓިވެފައިވާ ކޭސް 126އާ ގުޅުންހުރި މީހެއް ކަމަށެވެ. އަދި އޭނާ ޕޮޒިޓިވްވުމުގެ ކުރިން އޭނާގެ އާއިލާގެ އެހެން ބަޔަކު ޕޮޒިޓިވްވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"މި ނިޔާވި އާމިނަތު އާދަމްގެ ސާމްޕަލް ނެގުނީ 27 ވަނަ ދުވަހުގެ ރޭ ދަންވަރު. ނެގިގެން އަޅުގަނޑުމެންނަށް ރިޒަލްޓް ލިބުނު އިރު ނިޔާވެފައިވަނީ. މިއަދު އިރުއޮއްސުނު އިރު ނޭވާލާން އުނދަގޫވެގެން އެ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ލިބިގެން ހޮސްޕިޓަލަށް ގެންދެވުނު އިރު ނިޔާވެފައި އޮތް ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވަނީ." މިނިސްޓަރު ވިދާޅުވިއެވެ.