ކޮވިޑް 19އާ ގުޅިގެން ފަސް މީހުންނަށް އައިސީޔޫގައި ފަރުވާދެމުން އެބަދާ ކަމަށް ޑރ. އަލީ ލަތީފް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އަލީ ލަތީފް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ އެ ފަސް މީހުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
"މިހާތަނަށް އަޅުގަނޑުމެން އައިސީޔޫގައި އެޑްމިޓްކޮށްފައި މިވަނީ ފަސް ޕޭޝަންޓުން. އިރާދަކުރެއްވިއްޔާ އަދި މި ފަސް ޕޭޝަންޓުންގެ ހާލު ވެސް ރަނގަޅު. އެހެންނަމަވެސް ކޮވިޑް 19 ޖެހިގެން ކޮމްޕިލިކޭޝަނެއް އަންނަ މީހުންގެ އިތުރު ބަލިތައް ހުރޭ. އޭގެ ތެރޭގައި ހަކުރު ބަލި ހުންނަންޏާ، ލޭ މައްޗަށް ދަންޏާ، އަދި އެހެންނޫނީ ކިޑްނީގެ ބަލި އެނޫނަސް ފުއްޕާމޭގެ އެހެން ބަލިތައް ހުންނަންޏާ، ކޮވިޑް 19 ޖެހުމަށްފަހު އިތުރަށް ބަލި ބޮޑުވެ ފުރާނަ ގެއްލިގެންދާ ފަދަ ކަމެއް ދިމާވެދާނެ،" އޭނާ ވިދާޅުވިއެވެ.
ޑރ. އަލީ ލަތީފް ވިދާޅުވީ ރާއްޖޭގައި ކޮވިޑު ޖެހިފައިވާ މީހުންގެ 15 ޕަސަންޓު މީހުން އިތުރު ބަލިތަކަކާ ކުރިމަތިލާން ޖެހިއްޖެއްޔާ ބަލި ބޮޑުވެގެން 40 މީހުން އައިސީޔޫގައި އެޑްމިޓްކުރަން ޖެހޭނެ ކަމަށާއި ނަމަވެސް އަދި އިތުރު ބަލިތަކަކާ ކުރިމަތިލާން ޖެހޭ މީހުންގެ އަދަދު އެހާ މައްޗެއް ނޫން ކަމަށެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު މިހާރު ވަނީ 280 އަށް އަރައިފައެވެ. އޭގެ ތެރެއިން ބަލިން ރަނގަޅުވެފައިވަނީ 17 މީހެކެވެ.