ކުއްލި ޚަބަރު

މިއަދު ނިޔާވި މީހާއަކީ މިމަހުގެ 27 ވަނަ ދުވަހުގެރޭ ސާމްޕަލް ނަގާފައިވާ މީހެއް، ނަތީޖާ ލިބުނީ ނިޔާވިފަހުން: މިނިސްޓަރު

1

މިއަދު ނިޔާވި މީހާއަކީ މިމަހުގެ 27 ވަނަ ދުވަހުގެރޭ ސާމްޕަލް ނަގާފައިވާ މީހެއް ކަމަށާއި ނަތީޖާ ލިބުނީ ނިޔާވިފަހުން ކަމަށް ހެލްތު މިނިސްޓަރު އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ވިދާޅުވީ އުމުރުން 83 އަހަރުގެ އާމިނަތު އާދަމް ނިޔާވީ މިރޭ 7:10ގައި ކަމަށާއި އޭނާއަކީ ކުރިން ޕޮޒިޓިވްވި މީހަކާ ގުޅުންހުރި މީހެއް ކަމަށެވެ. އަދި ނިޔާވި އާއިލާގެ ބައެއް މީހުން ވެސް ޕޮޒިޓިވްވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މި ކޭސް ގުޅިފައިމިވަނީ މީގެ ކުރިން ޕޮޒިޓިވްވި ކޭސްއަކާ، 126 ވަނަ ކޭސްއާ ގުޅުންހުރި ފަރާތެއް. އެގޭގައި، އެ އާއިލާގެ ބައެއް ބޭފުޅުން ފުރަތަމަ ޕޮޒިޓިވްވެގެންދިޔައީ. އެއަށްފަހު މި ނިޔާވި އާމިނަތު އާދަމްގެ ސާމްޕަލް ނެގުނީ 27 ވަނަ ދުވަހުގެ ރޭ ދަންވަރު. ނެގިގެން އަޅުގަނޑުމެންނަށް ރިޒަލްޓް ލިބުނު އިރު ނިޔާވެފައިވަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ އެމީހާ ނޭވާލާން އުނދަގޫވެގެން އެ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކޮށްފައިވަނީ މިއަދު އިރުއޮއްސުނު ވަގުތެއްގައި ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟