ކުއްލި ޚަބަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮވިޑަށް ޕޮޒިޓިވް މީހަކު މަރުވެއްޖެ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮވިޑް 19އަށް ޕޮޒިޓިވް މީހަކު މަރުވެއްޖެއެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި މިއަދު އިރުއޮއްސުނު އިރު އޭނާ އައިޖީއެމްއެޗަށް ގެންދިޔަ އިރުވެސް އޭނާ އޮތީ މަރުވެފައެވެ. މަރުވި މީހާއަކީ ކޮވިޑާ ގުޅިގެން ކަރަންޓީނުކޮށްފައިވާ ގެއެއްގައި އުޅުނު މީހެއް ކަމަށް އެނގިފައިވެއެވެ.

މަރުވި އެމީހާއަކީ ގިނަ ދުވަސްތަކަކަށް ބޭސްކުރަމުންދިޔަ 83 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާއަކީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ސާމްޕަލް ނެގިފައިވާ މީހެކެވެ. އަދި އޭނާ ޕޮޒިޓިވްވިކަން ނަތީޖާއިން އެނގުނީ އޭނާ މަރުވި ފަހުންނެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ މަރުވެފައިވަނީ އުމުރުން 83 އަހަރުގެ އާމިނަތު އާދަމް ކަމަށެވެ.

"އުމުރުން 83 އަހަރުގެ އާމިނަތު އާދަމް މިއަދު އިރުއޮއްސި 7:10ގައި ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވި. މިއީ ރާއްޖޭގައި ކޮވިޑް 19އަށް ޕޮޒިޓިވް ނިޔާވި ފުރަތަމަ ފަރާތް. އެކަމަނާގެ އާއިލާއަށާއި އެކަމަނާގެ ރަހުމަތްތެރިންނަށާއި އަޅުގަނޑުމެން ތައުޒިޔާ އަރިސްކުރަން. އަދި މި ހިތާމައިގައި އަޅުގަނޑުމެން އަދި މުޅި ސަރުކާރުން ބައިވެރިވާ ވާހަކަ ދަންނަވަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ އެމީހާއަކީ ކޭސް ނަންބަރު 126އާ ގުޅުންހުރި މީހެއް ކަމަށާއި މަރުވި މީހާ ކޮވިޑަށް ޕޮޒިޓިވްވުމުގެ ކުރިން އެ އާއިލާގެ އެހެން ބަޔަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މަރުވި މީހާގެ ސާމްޕަލް ނެގުނީ މިމަހުގެ 27 ވަނަ ދުވަހުގެ ދަންވަރު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މި ކޭސް ގުޅިފައިމިވަނީ މީގެ ކުރިން ޕޮޒިޓިވްވި ކޭސްއަކާ، 126 ވަނަ ކޭސްއާ ގުޅުންހުރި ފަރާތެއް. އެގޭގައި، އެ އާއިލާގެ ބައެއް ބޭފުޅުން ފުރަތަމަ ޕޮޒިޓިވްވެގެންދިޔައީ. އެއަށްފަހު މި ނިޔާވި އާމިނަތު އާދަމްގެ ސާމްޕަލް ނެގުނީ 27 ވަނަ ދުވަހުގެ ރޭ ދަންވަރު. ނެގިގެން އަޅުގަނޑުމެންނަށް ރިޒަލްޓް ލިބުނު އިރު ނިޔާވެފައިވަނީ. މިއަދު އިރުއޮއްސުނު އިރު ނޭވާލާން އުނދަގޫވެގެން އެ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ލިބިގެން ހޮސްޕިޓަލަށް ގެންދެވުނު އިރު ނިޔާވެފައި އޮތް ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވަނީ." މިނިސްޓަރު ވިދާޅުވިއެވެ.