އިތުރު މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 278 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެންމެ ފަހުން ޕޮޒިޓިވްވި މީހާއަކީ ދިވެއްސެއް ކަމަށާއި އޭނާ ޕޮޒިޓިވްވުމާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 278އަށް އަރާފައިވާ ކަމަށެވެ.
އެމީހާއާއެކު މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 28އަށް އަރައިފައެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 14 ސިފައިންގެ ބޭކަލުން ވެސް ހިމެނެއެވެ.
ރާއްޖޭގައި ކޮވިޑް ޖެހުނު 278 މީހުންގެ ތެރެއިން އެ ބަލިން ރަނގަޅުވެފައިވަނީ 17 މީހެކެވެ. އަދި ޕޮޒިޓިވްވި ހަތަރު މީހަކަށް އައިޖީއެމްއެޗްގެ ޑީއެޗް 11ގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 80 އަހަރުގެ ދިވެއްސެއްގެ ހާލު ގޯސްވުމުން އޭނާއަށް ފޮނުވާދެމުން އަންނަނީ އޮކްސިޖަން ގުޅައިގެންނެވެ.
ކޮވިޑް 19 ޖެހިފައިވާ މީހަކު މާލޭން ފުރަތަމަ ފެނުނީ މި މަހުގެ 15 ދުވަހުއެވެ. އެދުވަހުން ފެށިގެން މާލެ ސަރަހައްދު ވަނީ ލޮކްޑައުންކޮށްފައެވެ. އަދި މުއްދަތެއް ނެތް ގޮތަށް މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން މާލެ ފިޔަވައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަނީ ލޮކްޑައުން އިއުލާންކޮށްފައެވެ. އަދި މިއަދު ވަނީ މާލޭ ސަރަހައްދުގެ ލޮކްޑައުންގެ މުއްދަތު އިތުރު ދެ ހަފުތާއަށް އިތުރުކޮށްފައެވެ.