ކުއްލި ޚަބަރު

ފްރޮންޓުލައިންގައި ހިދުމަތުގައި އުޅޭ މީހުން ގޮވައިގެން ދަތުރުކުރަން ޖެހޭ މީހުންނަށް މާދަމާ ގޮތެއް ހަމަޖައްސާނަން

އަލީ ޔާމިން

ފްރޮންޓުލައިންގައި ހިދުމަތުގައި އުޅޭ މީހުން ގޮވައިގެން ދަތުރުކުރަން ޖެހޭ މީހުންނަށް މާދަމާ ގޮތެއް ހަމަޖައްސާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ، ގޭބިސީތަކުން ކޮންމެވެސް އެއްފަރާތަކަށް ވިޔަފާރިކުރުމަށް ދޫކޮށްފައިވާ އެއްގަޑިއިރުގެ ވަގުތު މަދުވެގެން އެއްވެސް ފަރާތަކުން މިހާތަނަށް ޝަކުވާ ކޮށްފައި ނުވާ ކަމަށެވެ.

ފައިރޫޝް ވިދާޅުވީ، އެގޮތަށް ދޫކުރާ ހުއްދަތަކުގެ ސަބަބުން ބައެއް ކަހަލަގެ ދަތިތައް ވާކަމަށް ހެލްތު ސެކްޓާގައި، މަސައްކަތް ކުރައްވާ ބޭފުޅުން ފާހަގަކޮށްފައިވާ ކަމަށެވެ.

"ހުއްދައިގެ ސަބަބުން ދަތިވާކަމަށް ފާހަގަކޮށްފައިވަނީ ހެލްތު ސެކްޓާގައި މަސައްކަތްކުރާ ބައެއް ބޭފުޅުން. ވަގުތު ކުޑަވެގެން ނޫން. ބައެއް ބޭފުޅުންނަކީ ދިމަދިމާލަށް ކޮންމެވެސް ބޭފުޅަކާއެކު ސައިކަލުގައި ނުވަތަ އެނޫންވެސް ގޮތަކަށް ދާން ޖެހޭ މީހުން. އެހެންކަމުން އެކުގައި ދާ ފަރާތަށް ހުއްދަ ނުލިބޭތީ ކަންބޮޑުވުންތައް އެބަހުރި،" ފައިރޫޝް ވިދާޅުވިއެވެ.

ފައިރޫޝް ވިދާޅުވީ ފްރޮންޓުލައިންގައި ހިދުމަތުގައި އުޅޭ މީހުން ގޮވައިގެން ދަތުރުކުރަން ޖެހޭ މީހުންނަށް މާދަމާ މެންދުރުފަހުގެ ވަގުތެއްގައި ލުޔެއް ދެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

މީގެ އިތުރުން ފައިރޫޝް ވިދާޅުވީ، އެކިއެކި ބޭނުންތަކުގައި ހުއްދަތައް ދެވުނު ނަމަވެސް ކޮންމެހެން ދާން ޖެހިގެން ނޫން ގޮތަކަށް ބޭރަށް ނުނިކުތުމަކީ މުހިންމު ކަމެއް ކަމަށެވެ.