އަލީ ޔާމިން
ހަރުކަށި ފިކުރު ފެތުރުމާ ގުޅޭ ފޮތްތަކެއް މާފުށީ ޖަލުން ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، ދީނީގޮތުން ހަރުކަށި ފިކުރު ގެންގުޅޭ މީހުން ނުރައްކާތެރި ހަމަލާތަކެއް ދޭން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ކަރެކްޝަންސްއާ ގުޅިގެން މާފުށީ ޖަލުގައި ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އޮޕަރޭޝަނެއް ހިންގާފައިވާނެ ކަމަށެވެ.
ރިޔާޒު ވިދާޅުވީ، އެ އޮޕަރޭޝަނުގައި ބަލައި ފާސްކުރި ގޮޅިތަކުން ފަސް މޮބައިލް ފޯނާއި، މޮބައިލް ފޯނާ ގުޅުންހުރި އެހެން އާލާތްތައް އަދި ޔޫއެސްބީ، އާއި ޗާޖަރު ފަދަ ތަކެތި ފެނިފައިވާ ކަމަށެވެ.
"މި އޮޕްރޭޝަނުގައި އަޅުގަނޑުމެން ބަލައި ފާސްކުރި ގޮޅިތަކުން ފަސް މޯބައިލް ފޯނާއި އަދި މޯބައިކް ފޯނާ ގުޅުންހުރި އެހެން އާލާތްތައް ފެނިފައިވޭ. މީގެ ތެރޭގައި ޗާޖަރާއި ޔޫއެސްބީ ވާގަނޑު އަދި ހަރުކަށި ފިކުރު ފެތުރުމަށް ހިތްވަރުދޭ ބައެއް ފޮތްތައްވެސް އަޅުގަނޑުމެންނަށް ފެނިފައިވަނީ މި ސެލްތަކުގައި ގެންގުޅެނިކޮށް،" ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ، އެ އޮޕަރޭޝަނަކީ މިފަހުން ރާއްޖޭގައި ހިންގާފައިވާ ޓެރަރިސްޓު ހަމަލާތަކާ ގުޅިގެން މިފަދަ މައްސަލަތަކާ ގުޅިގެން ބަންދުގައި ތިބި ހަރުކަށި ފިކުރުގެ ބަޔަކު، ބޭރުގައި ތިބި އެފަދަ މީހުންނާ މުއާމަލާތްކޮށްގެން ހިންގަން އުޅުނު ހަމަނުޖެހުންތަކަކާ ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ.