ކުއްލި ޚަބަރު

ގޮތް ނޭނގޭ ބަޔަކު އުޅަނދުފަހަރުގައި ރަށްރަށަށް ކައިރިކޮށް އުޅޭނަމަ ރިޕޯޓު ކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

ގޮތް ނޭނގޭ ބަޔަކު އުޅަނދުފަހަރުގައި ރަށްރަށަށް ކައިރިކޮށް އުޅޭނަމަ ރިޕޯޓު ކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް، އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ފަހަކަށް އައިސް ކުދި ޑިންގީތަކުގައި ރަށްތަކަށް އަރައި ބައެއް ވައްކަންތަކާއި އަލިފާން ރޯކުރުމުގެ ކުށްތަކަށް ހިންގާފައިވާ ކަމަށެވެ. އަދި އެކަންކަމާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެގޮތުން މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި ދަންވަރުގެ ވަގުތުގައި ކުދި އުޅަނދުތަކުގައި ގޮތް ނޭނގޭ ބަޔަކު ރަށަކަށް ނުވަތަ ރިސޯޓަކަށް ލަފައި ރަށުތެރޭގައި އުޅޭނަމަ އެކަން ފުލުހުންނާ ހިއްސާކުރުމަށް ރިޔާޒު އެދިވަޑައިގަތެވެ.

ރިޔާޒު މިހެން ވިދާޅުވެފައިވާއިރު މިދިޔަ މަހުގެ ފަހުކޮޅު ރ. އިންނަމާދޫ އިންޖީނުގޭގެ ތިޖޫރި އާއި އެ އަތޮޅު ކިނޮޅަހު ކައުންސިލް އިދާރާގެ ތިޖޫރި ފަޅާލަން ބަޔަކު ވަނީ މަސައްކަތްކޮށްފައެވެ.

އެގޮތުން އިންނަމާދޫ އިންޖީނުގޭގެ އޮފީސް ބައިގައި ހުރި ތިޖޫރި ފަޅާލަން މަސައްކަތްކުރީ މޫނު ނިވާކޮށްގެން ތިބި ބަޔަކު، އެތަނުގެ ވޮޗަރު ބަނުމަށްފަހުގައެވެ. ފުލުހުން ބުނެފައިވާ ގޮތުން، އެ ދެ ރަށަށް ވެސް ބަަޔަކު އަރާފައިވަނީ ޑިންގީއެއްގައެވެ.