ލޮކްޑައުންގެ ހާލަތުގައި ބޭރުގައި އުޅުމަށް އަދި ޑެލިވަރީއަށް ދެން ދޫކުރާނީ ސެކިއުރިޓީ ވަރުގަދަ ފާސްތަކެއް ކަމަށް ފުލުހުން ބުނެފިއެވެ.
މާލެ ސަރަހައްދުގައި ކޮވިޑް 19 ފެތުރެމުން އަންނަކަން ކަނޑައަޅައި އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މާލެ ސަރަހައްދު ވަނީ ލޮކްޑައުންކޮށްފައެވެ. ލޮކްޑައުންގެ މުއްދަތުގައި ބޭރަށް ނުކުމެ އުޅުމާއި ދުއްވާ އެއްޗެހި ދުއްވުން ވަނީ މަނާކޮށްފައެވެ.
ނަމަވެސް އިސްތިސްނާ ކުރެވޭ ބައެއް ފަރާތްތަކާއި ދޫކުރާ ހާއްސަ ހުއްދައެއްގެ ދަށުން މަގުތަކަށް ނުކުމެ އުޅެވޭ ގޮތް ވަނީ ހަމަޖައްސައިފައެވެ.
ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ، ވިޔަފާރީގެ އުސޫލުން އެކި ހިދުމަތްތައް ދިނުމަށް ފުލުހުން ދޫކުރި ހުއްދަތައް ބާތިލްކޮށް، އާ ހުއްދަތަކެއް ދޫކުރަން ނިންމާފައިވާ ކަމަށެވެ.
އެ ބަދަލު ގެންނަން ޖެހުނީ ފުލުހުން ދޫކުރާ ފާހުގެ ނަހަމަ ބޭނުން ބައެއް ފަރާތްތަކުން ކުރަމުންދިއުމުންނާއި މިހާރު ދޫކުރާ ފާސްތަކަކީ މާގިނަ ސެކިއުރިޓީ ފީޗާސްތަކެއް ލެވިފައިވާ ފާސްތަކަކަށް ނުވާތީ، ފަސޭހައިން ބަދަލުކޮށްލައިގެން ބޭނުން ހިފުމުގެ ފުރުސަތު އޮތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން އަލަށް ދޫކުރާ ފާސްތަކުގައި ކިއުއާރު ކޯޑެއް ހިމަނާފައިވާނެ ކަމަށާއި އެކޯޑު ސްކޭން ކޮށްކުލުމުން ހުއްދަ ދޫކޮށްފައިވާ ފަރާތާއި ހުއްދަ ދޫކޮށްފައިވާ ބޭނުމާއި ޒޯނު ފުލުހުންނަށް ފަސޭހައިން ބަލޭލެވި، ފިޔަވަޅު އަޅަން ވެސް ފަސޭހަވެގެންދާނެ ކަމަށް ފައިރޫޝް ވިދާޅުވިއެވެ.