އަލީ ޔާމިން
ކޮވިޑް 19އާ ގުޅިގެން 100 ވަރަކަށް ފުލުހުން އެކަހެރިކޮށްފައި އެބަތިބި ކަމަށާއި އެއީ އޮފިސަރަކު ޕޮޒިޓިވް ވެގެން ނޫން ކަމަށް ފުލުހުން ބުނެފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، މިހާތަނަށް ފުލުހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ނުވާ ކަމަށާއި ނަމަވެސް ކޮވިޑާ ގުޅިގެން 100 އެއްހާ ފުލުހުން އެކަހެރިކުރެވިފައިވާ ކަމަށެވެ.
"މިހާތަނަށް ކުރެވުނު އެއްވެސް ޓެސްޓަކުން އަޅުގަނޑުމެންނާ ހަމައަށް އައިސްފައެއް ނެތް ފުލުހަކު ސީދާ ޕޮޒިޓިވްވިކަމަށް. އެހެންނަމަވެސް ފުލުހުންނަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރަން ޖެހޭ ބަޔަކަށްވެފައި އެކިކަހަލަ މަސައްކަތްތަކުގައި، މިސާލަކަށް މީހަކު ސާޗުކުރުން ކަމުގައިވިޔަސް މިކަހަލަ ކޮންމެވެސް ގޮތަކުން ކޮންޓެކްޓް ވެގެން އަޅުގަނޑުމެން އެފަރާތްތަކާއި އެހެން މުވައްޒަފުންގެ ސަލާމަތަށްޓަކައި 100 އެއްހާ ފުލުހުން އެކަހެރިކުރެވިފައި އެބަތިބި." ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ، ފްރޮންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުންނަށް އެންމެ ފަހުގެ ފްލޫ ވެކްސިން ދިނުމުގެ ކަންކަން ކޮށްފައިވާ ކަމަށާއި މަސައްކަތް ކުރަމުން އަންނަނީ އެ ފުލުހުންނަށް އެންމެ ރަނގަޅު ރައްކާތެރިކަމުގެ އާލާތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.
މީގެ އިތުރުން ރިޔާޒް ވިދާޅުވީ، ހާއްސަ ހާލަތްތަކުގައި ޕޮޒިޓިވްވާ މީހުންނާއި ކަރިން މަސައްކަތް ކުރާ ފުލުހުންނަށްވެސް އެއިރަކު ބޭނުންވާ ރައްކާތެރިކަމުގެ ތަކެތި ފޯރުކޮށްދެމުން އަންނަ ކަމަށެވެ.