ކުއްލި ޚަބަރު

ކުންފުނިތަކުގެ މުސާރަތައް ކުޑަކުރަނީ، އާ އޮނިގަނޑެއް އެކުލަވައިލައި ފޮނުވުމަށް ފިނޭންސުން އަންގައިފި

މަރިޔަމް ޝަހުދާ

ކުންފުނިތަކުގެ މުސާރަތައް ކުޑަކުރުމަށް އާ އޮނިގަނޑެއް އެކުލަވައިލައި ފޮނުވުމަށް ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.

މިކަން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މިނިސްޓްރީން އަންގާފައިވަނީ މި ކުންފުނިތަކަށް މިއަދު ފޮނުވި ސިޓީއެއްގައެވެ. އަދި މި ސިޓީގައި މުސާރައިގެ އާ އޮނިގަނޑެއް އެކުލަވާލާއިރު ތިން ނުކުތާއަކަށް ރިއާޔަތް ކުރުމަށް މިނިސްޓްރީން އެދިފައިވެއެވެ.

އެގޮތުން ފުރަތަމަ ކަމަކަށް އާ އޮނިގަނޑުގައި މުވައްޒަފުންގެ މުސާރަ އުނިކުރުމަށް ހިމެނޭނީ ހަމައެކަނި 15،000 އަށްވުރެ މަތީ މުސާރައެއް ލިބޭ މީހުން ކަމަށް ބުނެފައިވެއެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން 15،000 އަށްވުރެ މަދުން ލިބޭ މީހުންގެ މުސާރައިން އުނި ނުކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ އިތުރުން އާ އޮނިގަނޑު އެކުލަވާލާއިރު މުސާރަ އުނި ކުރުމުގައި ޕްރޮގްރެސިވް ރިޑަކްޝަން ރޭޓެއް ގެންގުޅެން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އެއީ ގިނައިން މުސާރަ ލިބޭ މުވައްޒަފުންގެ މުސާރަ ކެނޑޭ ރޭޓް މަދުން ލިބޭ މުވައްޒަފުންގެ ރޭޓަށް ވުރެ މަތިވުން ކަމަށް މިނިސްޓްރީން ބުނެއެވެ.

ތިންވަނަ ނުކުތާއެއްގެ ގޮތުގައި މިނިސްޓްރީން ކަނޑައަޅާފައިވަނީ އާ މުސާރައިގެ އޮނިގަނޑަކީ މިހާރު އަމަލު ކުރާ އޮނިގަނޑަށް ބަލައި ހާމަނައިޒް ކުރެވިފައި އޮތް އޮނިގަނޑަކަށް ވުމެވެ. އެގޮތުން މުސާރައިގެ އޮނިގަނޑުގައިވާ ސެލެރީ ބޭންޑް އަދި ހަރުފަތްތަކަކީ އާ މުސާރައިގެ އޮނިގަނޑާ އެއްގޮތް އޮނިގަނޑަކަށް ވާންވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިކަމާ ގުޅިގެން "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ މީޑިއާ އެކްޒެކްޓިވް މުހައްމަދު ޝަނޫން ވިދާޅުވީ އަންނަ މެއި މަހު ފަސްވަނަ ދުވަހަށް އާ އޮނިގަނޑު އެކުލަވާލައި މިނިސްޓްރީއަށް ހުށަހަޅަން އަންގާފައިވާނެ ކަމަށެވެ. އަދި މި އޮނިގަނޑު އެކުލަވާލި ނަމަވެސް އެއަށް އަމަލު ކުރުމަށް ނިންމާނީ މިނިސްޓްރީން އޮނިގަނޑު ބަލައި ޗެކް ކުރުމަށްފަހު ކަމަށް ޝަނޫން ވިދާޅުވިއެވެ.

މީގެ އިތުރުން މުސާރަ ކުޑަ ކުރަން އަދި ނިންމީ ނޫންކަން ޝަނޫނު ފާހަގަކުރެއްވިއެވެ. ޝަނޫން ވިދާޅުވީ މިފަދައިން އޮނިގަނޑު އެކުލަވާލުމުން މިކަމާ ގުޅިގެން އެކި ކުންފުނިތަކުން ދެކޭގޮތް ސާފުވާނެ ކަމަށެވެ.