ކުއްލި ޚަބަރު

މެންބަރު އަބްދުﷲ ރިޔާޒަށް މާލެ އައުމުގެ ހުއްދަ ދިނީ އެހެން މީހުންނަށް ވެސް ދޭ އުސޫލުން: ފުލުހުން

އަލީ ޔާމިން

1

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒަށް މާލެ އައުމުގެ ހުއްދަ ދިނީ އެހެން މީހުންނަށް ވެސް ދޭ އުސޫލުން ކަމަށް ފުލުހުން ބުނެފިއެވެ.

އަތޮޅުތެރޭގައި ހުންނެވުމަށް ފަހު މެންބަރު ރިޔާޒް މާލެ ވަޑައިގެންނެވީ އެޗްޕީއޭ މެދުވެރިކޮށް ނުފޫޒުގެ ބޭނުންކޮށްގެން ކަމަށް މީސް މީޑިއާގައި އަޑުފެތުރުނެވެ. އަދި ރިޔާޒަށް ހުއްދަ ދިނީ އެޗްޕީއޭއިން ނޫންކަމަށް އެންއީއޯސީން ބުނުމާއެކު އެ ބަހުސްގެ ފޯރި ގަދަވެ އެތައް ބަޔަކު ރިޔާޒަށް މާލެ ވަޑައިގެންނެވުނީ ކޮން ފަރާތަކުން ހުއްދަ ދީގެންތޯ ސުވާލުކުރަން ފެށިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ، މާލެއަކީ ރެޑް ޒޯނެއް ކަމަށްވާތީ މާލެއިން މީހުން ފުރުން ވަނީ ވަރަށް ހާއްސަ ހާލަތްތަކެއްގައި ނޫން ގޮތަކަށް މަނާ ކުރެވިފައި ކަމަށެވެ.

ފައިރޫޝް ވިދާޅުވީ، އަތޮޅުތެރޭގައި ތިބި މާލޭގެ ރައްޔިތުން ނުވަތަ މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން މާލެ އަންނަން ބޭނުންވާ މީހުންނަށް މާލެ އާދެވޭނެ ފުރުސަތު ދެވެން އޮތް މިންވަރަކުން ފަހިކޮށްދިނުމަށް އެޗްޕީއޭއިން އަންގާފައިވާ ކަމަށެވެ. އަދި މާލޭގެ ރަށްވެހިން ނުވަތަ މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން މާލެ އަންނަން ބޭނުންވާ މީހުން ފުލުހުންގެ ޕޯޓަލްގައި ރަޖިސްޓަރީވުމުން ފުލުހުން އެ މީހުންނަށް ޖަވާބު އަރުވާނެ ކަމަށްވެސް ފައިރޫޝް ވިދާޅުވިއެވެ.

"ދެން ދެވަނަ ޑައިރެކްޝަނަކަށް މިއޮތީ މާލެ އަންނަން ބޭނުންވާ މީހުން ވަކި ހިސާބަކުން ތަންކޮޅެއް ގިނަވޭ. އެބޭބޭފުޅުންގެ ކަންބޮޑުވުންތައް ހުރުމާ ގުޅިގެން އެކަންކަމާމެދު މަޝްވަރާކުރެވި އެއްބަސްވެވިގެން ދިޔައީ، މާލޭގެ ރައްޔިތުން، މާލޭގައި ދިރިއުޅޭ މީސް މީހުންގެ ތެރެއިން މާލެ އަންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދެވެން އޮތް މިންވަރަކުން ފަހިކޮށްދިނުމަށް،" ފައިރޫޝް ވިދާޅުވިއެވެ.

މީގެ އިތުރުން ފައިރޫޝް ވިދާޅުވީ، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު މާލެ އައުމަށް ހުއްދަ ދިނީވެސް އެހެން މީހުންނަށްވެސް ދޭ އުސޫލުން ކަމަށާއި އެކަމުގައި ތަފާތުކޮށްފައި ނުވާނެ ކަމަށެވެ.

ފައިރޫޝް ވިދާޅުވީ، މާލެ އައުމުގެ ހުއްދައެއް ރިޔާޒް އެޗްޕީއޭގައި އެދިފައިވަނީ އީމެއިލްގެ ޒަރީއާއިން މިމަހުގެ 17 ވަނަ ދުވަހުގައި ކަމަށާއި އެ އީމެއިލް 18 ވަނަ ދުވަހު އެޗްޕީއޭއިން ފުލުހުންނަށް ފޯރުކޮށްދިނުމުން، ފުލުހުންގެ ފަރާތުން އެ އީމެއިލްއަށް ޖަވާބު ދީފައިވާނީ 25 އޭޕްރީލްގައި ކަމަށެވެ.

"ދެން މިކަމާ ގުޅިގެން ފުލުހުންނަށް ހުއްދަ ދެވޭނެ ކަމަށް ނިންމާފައި މިއޮތް ނިންމުމާ ގުޅިގެން 18 އޭޕްރީލްގައި މި ލިބުނު އީމެއިލަށް ފުލުހުން ޖަވާބު ދީފައި މިވަނީ 25 އޭޕްރީލްގައި. ފުލުހުންގެ ފަރާތުން މި ޖަވާބު ދެވުނީ އެންއީއޯސީގައި ގާއިމުކޮށްފައި ހުންނަ ޕޮސިލް ކްލަސްޓާއިން ބަލަން ޖެހޭ ހުރިހާ ކަމެއް ބެލުމަށް ފަހު، ވަރަށް ގިނަ ބަޔަކަށް 185 މީހަކަށް ވަނީ ހުއްދަދެވިފައި. އެހެންވީމާ ރިޔާޒަށް ވަކި ހާއްސަ ހުއްދައެއް ދެވުނީއެއް ނޫން." ފައިރޫޝް ވިދާޅުވިއެވެ.

ފައިރޫޝް ވިދާޅުވީ، އަތޮޅުތެރެއިން މީހުން ގެނައުމުގައި އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށާއި އެކަމުގައި އަމަލު ކުރާނީ ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟