ކުއްލި ޚަބަރު

މަހިބަދޫ ފަޅުގައި ހުރި ލޯންޗުތަކުގައި ރޯކޮށްލީ ޑިންގީއެއްގައި ބަޔަކު ކައިރިކޮށް އަލިފާން ރޯކޮށް އުކައިގެން: ފުލުހުން

މަހިބަދޫ ފަޅުގައި ހުރި ލޯންޗުތަކުގައި ރޯކޮށްލީ ޑިންގީއެއްގައި ބަޔަކު ކައިރިކޮށް އަލިފާން ރޯކޮށް އުކައިގެން ކަމަށް ފުލުހުން ބުނެފިއެވެ.

މިމަހުގެ 15 ވަނަ ދުވަހުގެ ފަތިހު ރޯކޮށް އަންދާލާފައިވަނީ މަހިބަދޫ ބަނދުރުތެރޭގައި އަޅާފައި އޮތް ޕޮލިސް ލޯންޗަކާއި އަތޮޅު ކައުންސިލު ލޯންޗަކާއި ސީއެމްބިޔުލެންސް ލޯންޗަކާއި އެޗްއެމްއެޗްއައި ޓްރަވެލެސްގެ ދެ ލޯންޗަކާއި ދެ ޑިންގީއެކެވެ.

އެކަމާ ގުޅިގެން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މީގެ ކުރިން ވިދާޅުވެފައިވަނީ އެ އަމަލަކީ ގަސްދުގައި ކޮށްފައިވާ އަމަލެއްކަން ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ.

ފުލުހުންގެ މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ފުލުހުންގެ ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް، އެސްސިޑެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، އެ މައްސަލަ އަދިވެސް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް ތަހުގީގަށް ހޯދުނު ހޯދުންތަކުން ލޯންޗުތަކުން ލޯންޗުތަކުގައި ރޯކޮށްލާފައިވަނީ ޑިންގީއެއްގަ އެރަށަށް ކައިރިކުރި ބަޔަކު ކަމަށް ވިދާޅުވިއެވެ.

މި އަމަލު ހިންގާފައިވަނީ އެރޭ (15 ވަނަ ދުވަހުގެ) ފަތިހުގެ ވަގުތެއްގައި ޑިންގީއެއްގަ އެރަށަށް ކައިރިކުރި ބައެއް ކަމަށް ތަހުގީގަށް ހޯދުނު ހޯދުންތަކުން އެނގޭ. އަދި އެ ލޯންޗުތައް ރޯކޮށްލުމަށްޓަކާ އެމީހުން ރަށުގެ ތޮށިގަނޑު މައްޗަށް އެރުމަށްފަހު ފުޅިއަކަށް އަލިފާން ރޯވާކަހަލަ އެއްޗެއް އަޅައި، އޭގަ ރޯކޮށްލައިގެން ލޯންޗުތަކަށް އުކާފައިވާކަން ތަހުގީގަށް ހޯދިފައިވޭ،" ރިޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެގޮތުން އުކި އެއްޗެހީގެ ތެރެއިން ލޯންޗެއްގައި ނުޖެހި މޫދަށް ވެއްޓުނު ފުޅިއެއް ފުލުހުން ހޯދާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި މިހާތަނަށް އަދި މީހަކު ހައްޔަރުކޮށްފައި ނުވިނަމަވެސް، ތުހުމަތު ކުރެވޭ ބައެއް ފަރާތްތައް ދެނެގަނެ އަދި ފަސް ފަރާތެއްގެ ގެ ބަލައި ފާސްކޮށް ބައެއް ޑިޖިޓަލް ހެކި ހޯދާފައިވާނެ ކަމަށް ވިދާޅުވިއެވެ.

މަހިބަދޫގައި ފަޅުގައި އަޅާފައިވާ ލޯންޗުތަކެއްގައި ރޯކޮށްލުމުގެ ޒިންމާ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިއެސް އިން އުފުލާފައިވާ ކަމަށް ޓެރަރިޒަމްގެ އަމަލުތައް ދިރާސާކުރާ ސައިޓް އިންޓެލިޖެންސުން ބުނެފައިވާތީ އެކަމާ ގުޅޭ ގޮތުން ރިޔާޒު ވިދާޅުވީ، މިހާތަނަށް ބެލިބެލުމުން އެ ހަމަލާއަކީ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންނާއި ރާއްޖޭން ބޭރުގެ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅިގެން ކުރިކަމެއް ކަމަށް ދޭހަވާ ކަހަލަ ހެކިތަކެއް ލިބިފައި ނެތް ކަމަށެވެ.

ނަމަވެސް ރާއްޖޭގައި ވެސް ހަރުކަށި ފިކުރު ގެންގުޅޭ ފަރާތްތަކަކީ ބޭރުގެ ޖަމާއަތްތަކާ ކޮންމެވެސް ފަންތިއެއްގައި ގުޅުންތައް ގާއިމްކުރުމުގެ ގާބިލްކަން ހުރި ބައެއް ކަމަށާއި އެހެންކަމުން އެފަދަ މުއާމަލާތްތައް ހިންގުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާތަނަށް އަޅުގަނޑުމެންނަށް ލިބިފަ ހުރި މައުލޫމާތަށް ބަލާއިރު އަދި ގައުމުގެ ސަލާމަތީ ކަންކަމާބެހޭ އިންޓެލިޖެންސް އިދާރާތަކުގެ މައުލޫމާތުތަކަށް ބަލާއިރު ރާއްޖޭގައި މިހިނގައިދިޔަ ކަންތައްތަކަކީ ބޭރުގެ ޖަމާއަތެއްގެ އިސްނެގުމަށް ނުވަތަ ބޭރުގެ ޖަމާއަތަކުން ވަކި ހާއްސަ އިރުޝާދެއް ދީގެން ހިނގާދިޔަ ކަމެއް ކަމަކަށް ބެލެވޭފަދަ ހަރުދަނާ ސަބަބުތަކެއް ނެތް،" ރިޔާޒު ވިދާޅުވިއެވެ.