ކުއްލި ޚަބަރު

ހުޅުމާލޭގައި ތިން ބިދޭސީއަކަށް ހަމަލާ ދިނީ ހަރުކަށި ފިކުރުގެ ބައެއް، އެއީ ބަދަލުހިފުމަށް ދިން ހަމަލާއެއް: ފުލުހުން

ހުޅުމާލޭގައި ތިން ބިދޭސީއަކަށް ހަމަލާ ދިނީ ހަރުކަށި ފިކުރުގެ ބައެއް ކަމަށާއި އެއީ ބަދަލުހިފުމަށް ދިން ހަމަލާއެއް ކަމަށް ފުލުހުން ބުނެފިއެވެ.

ހުޅުމާލޭގައި ހެލްމެޓް އަޅައިގެން ސައިކަލެއްގައި ދިޔަ ބަޔަކު ފަތުރުވެރިންތަކަކަށް ތޫނު އެއްޗަކުން ހަމަލާދިނީ މިދިޔަ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެ ހަމަލާގައި ޗައިނާ ދެ ފަތުރުވެރިޔަކަށާއި އޮސްޓްރޭލިއާގެ ފަތުރުވެރިއަކު ޒަހަމްވިއެވެ.

ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މައްސަލައާގުޅޭ މައުލޫމާތު ދެއްވަމުން ފުލުހުންގެ ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް، އެސްސިޑެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، އެ ހަމަލާއަކީ މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ ހަރުކަށި ސެލްއެއްގެ މެންބަރުންތަކެއް ހިންގި އަމަލެއް ކަމަށެވެ.

އެއީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ފުލުހުންނާއި ކަމާބެހޭ މުއައްސަސާތަކުން ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން ދެވުނު ހަމަލާއެއްކަން ތަހުގީގަށް ލިބުނު މައުލޫމާތުތަކުން ކަށަވަރުވެފައިވާ ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ.

"މި އަމަލަކީ މައިގަނޑު ގޮތެއްގައި 2019 ވަނަ އަހަރުގެ ތެރޭގައި ރ. މަޑުއްވަރީގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ފަރާތުން ހިންގި ހާއްސަ އޮޕަރޭޝަންގައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ގެންގުޅެ، އެފިކުރު ފެތުރުމަށް މަސައްކަތްކުރާ ފަރާތްތައް ހައްޔަރުކޮށް، އެފަދަ ބައެއް ފަރާތްތަކުގެ ދަރިންނާމެދު އިހުމާލުވާ މައްސަލަތަކުގައި އެކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާތީ އެކަމާ ހިތްހަމަނުޖެހިގެން އެކަމާ ގުޅޭގޮތުން މެސެޖެއް ދިނުމަށާއި އަދި އެކަމާ ގުޅޭގޮތުން ކުރަމުންދިޔަ މަސައްކަތްތައް ހުއްޓުވުމަށް މަޖުބޫރުކުރުވުމުގެ ގޮތުން ކުރި ކަމެއްކަން ތަހުގީގަށް ހޯދުނު ހޯދުންތަކުން އެނގުނު،" ރިޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ފެބްރުއަރީ 13 ވަނަ ދުވަހު މާލެއިން ހަ މީހަކާއި ހުޅުމާލެއިން އެކަކު އަދި މާޗް މަހުގެ ދެވަނަ ދުވަހު ތ. ތިމަރަފުށިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރުކުރި މީހުންގެ ތެރޭގައި ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ހަތަރު މީހުން ވެސް ހިމެނޭ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްފަހު މިމަހުގެ 19 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅާފައިވާނެ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ދައުވާ ކުރަން ފޮނުވާފައިވަނީ ކިތައް މީހުންނަށް ކަމެއް އަދި އެމީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތަކެއް ވިދާޅެއްނުވެއެވެ.