ހުޅުމާލޭގައި ތިން ބިދޭސީއަކަށް ހަމަލާދިން މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރަން ފޮނުވައިފިއެވެ.
ހުޅުމާލޭގައި ހެލްމެޓް އަޅައިގެން ސައިކަލެއްގައި ދިޔަ ބަޔަކު ފަތުރުވެރިންތަކަކަށް ތޫނު އެއްޗަކުން ހަމަލާދިނީ މިދިޔަ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެ ހަމަލާގައި ޗައިނާ ދެ ފަތުރުވެރިޔަކަށާއި އޮސްޓްރޭލިއާގެ ފަތުރުވެރިއަކު ޒަހަމްވިއެވެ.
ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މައްސަލައާގުޅޭ މައުލޫމާތު ދެއްވަމުން ފުލުހުންގެ ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް، އެސްސިޑެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްފަހު މިމަހުގެ 19 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މައްސަލަ ހުށަހަޅާފައިވާނެ ކަމަށެވެ.
އެ މައްސަލައިގައި ފުލުހުން ވަނީ އަށް މީހަކު ހައްޔަރުކޮށްފައެވެ. އެއީ ފެބްރުއަރީ 13 ވަނަ ދުވަހު މާލެއިން ހައްޔަރުކުރި ހަ މީހަކާއި ހުޅުމާލެއިން ހައްޔަރުކުރި މީހެއްގެ އިތުރުން މާޗް މަހުގެ ދެވަނަ ދުވަހު ތ. ތިމަރަފުށިން ހައްޔަރުކުރި މީހެކެވެ. އަދި ހައްޔަރުކުރި މީހުންގެ ތެރޭގައި ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ހަތަރު މީހުން ވެސް ހިމެނޭ ކަމަށް ރިޔާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ހަމަލާދިނުމަށް ބޭނުންކުރި ސައިކަލުތަކާއި އެ ސައިކަލުތަކުގައި ބަދަލުކޮށްފައި ހުރި ނަންބޯޑުތަކާއި ހަމަލާދިނުމަށްޓަކާ ބޭނުންކުރި ވަޅިތަކާއި އަދި ހަމަލާދިން ވަގުތު އެމީހުން ލައިގެން ތިބި ހެދުންތައް ވެސް ތަހުގީގަށް ހޯދާފައިވާނެ ކަމަށެވެ.
އޭގެ އިތުރުން ހައްޔަރުކުރި މީހުންގެ ގެތަށް ބަލައި ފާސްކުރުމުން، އެމީހުން ގެންގުޅޭ ބައެއް ޑިޖިޓަލް ޑިވައިސްތަކުން މައްސަލައާ ގުޅުންހުރި އަދި ޓެރަރިޒަމަށް ހިތްވަރުދީ ބޭނުންކޮށްފައި ހުރި ބައެއް ޕޯސްޓުތަކާއި ލިޔުންތައް ފެނިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ، އެ މައްސަލައިގައި 75 ތަނަކުން 300 އެއްހާ ގަޑިއިރުގެ ފުޓޭޖު ނަގައި އެނަލައިޒް ކުރެވުނު ކަމަށާއި އެގޮތުން ހަމަލާދިނުމުގައި ބައިވެރިވި މީހުން މާލެއިން ފެށިގެން ހުޅުމާލެއަށް ދަތުރުކުރި މަގުތަކާއި ތަންތަން ވެސް ދެނެގަނެވިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، މި ހަމަލާއަކީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ފުލުހުންނާއި ކަމާބެހޭ މުއައްސަސާތަކުން ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން ދެވުނު ހަމަލާއެއްކަން ތަހުގީގަށް ލިބުނު މައުލޫމާތުތަކުން ކަށަވަރުވެފައިވާ ކަމަށެވެ.
"މި ހަމަލާއަކީ މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ ހަރުކަށި ސެލްއެއްގެ މެންބަރުންތަކެއް ހިންގައިގެން އުޅޭ ކަމެއްކަން ތަހުގީގަށް ހޯދިފައިވަނީ. މި އަމަލަކީ މައިގަނޑު ގޮތެއްގައި 2019 ވަނަ އަހަރުގެ ތެރޭގައި ރ. މަޑުއްވަރީގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ފަރާތުން ހިންގި ހާއްސަ އޮޕަރޭޝަންގައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ގެންގުޅެ، އެފިކުރު ފެތުރުމަށް މަސައްކަތްކުރާ ފަރާތްތައް ހައްޔަރުކޮށް، އެފަދަ ބައެއް ފަރާތްތަކުގެ ދަރިންނާމެދު އިހުމާލުވާ މައްސަލަތަކުގައި އެކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާތީ އެކަމާ ހިތްހަމަނުޖެހިގެން އެކަމާ ގުޅޭގޮތުން މެސެޖެއް ދިނުމަށާއި އަދި އެކަމާ ގުޅޭގޮތުން ކުރަމުންދިޔަ މަސައްކަތްތައް ހުއްޓުވުމަށް މަޖުބޫރުކުރުވުމުގެ ގޮތުން ކުރި ކަމެއްކަން ތަހުގީގަށް ހޯދުނު ހޯދުންތަކުން އެނގުނު،" ރިޔާޒު ވިދާޅުވިއެވެ.