ކުއްލި ޚަބަރު

ޑެލިވަރީއަށް ދޫކޮށްފައިވާ ހުރިހާ ހުއްދައެއް މާދަމާ 12:00 އިން ފެށިގެން 48 ގަޑިއިރުވުމުން ހަމަވާނެ: ފުލުހުން

ލޮކްޑައުންގެ ހާލަތުގައި ޑެލިވަރީއަށް ދޫކޮށްފައިވާ ހުރިހާ ހުއްދައެއް މާދަމާ 12:00 އިން ފެށިގެން 48 ގަޑިއިރުވުމުން ހަމަވާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ، އާންމުން ބޭރަށް ނުކުމެ އުޅުމުގައި މިހާރު ފުލުހުން ގެންގުޅޭ އުސޫލުތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ވިޔަފާރީގެ އުސޫލުން އެކި ހިދުމަތްތައް ދިނުމަށް ފުލުހުން ދޫކުރި ހުއްދަތައް ބާތިލްކުރަން ނިންމައި، އަލުން އެ ހުއްދަތަށް ދޫކުރަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފާސް ބާތިލްކުރުމަށްފަހު މަސައްކަތްތަކަށް ހުއްޓުމެއް އަޔަނުދިނުމައްޓަކައި ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އަލުން ފާސް ހެއްދުމަށް އެދެވޭނެ ކަމަށެވެ.

"މި ބަދަލާއެކު މިހާތަނަށް ދޫކުރެވިފައި ހުރި ހުރިހާ ހުއްދަތަކެއް ބާތިލުވެގެންދާނެ 48 ގަޑިއިރަށްފަހު. 48 ގަޑިއިރު އަޅުގަނޑުމެން މިދެނީ ހުއްދަ ދޫކުރެވިފައިވާ ފަރާތްތަކުން އަލުން އެޕްލައިކޮށްގެން މަސައްކަތަށް ހުއްޓުމެއް ނެތި ރައްޔިތުންނަށް ދެމުންދާ ހިދުމަތް ދެވޭނެ ގޮތް ހަމަޖެއްސުމުގެ ގޮތުން. މި ހުއްދަތައް ބާތިލުކުރަން އަޅުގަނޑުމެން ފަށާ ގަޑިއަކީ މާދަމާގެ 12:00 އިން ފެށިގެން. އެއަށްފަހު ހުރިހާ ފަރާތްތަކަކަށް ވެސް ލިބިގެންދާނީ 48 ގަޑިއިރު،" ފައިރޫޝް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އަލަށް ދޫކުރާ ފާސްތަކުގެ ސެކިއުރިޓީ ފީޗާސްތައް ވަރުގަދަކުރުމުގެ ގޮތުން ކޮންމެ ފާހެއްގައި ކިއުއާރު ކޯޑެއް އިންނާނެ ކަމަށެވެ. އެކޯޑު ސްކޭން ކުރުމުން ހުއްދަ ދޫކޮށްފައިވާ ފަރާތުގެ މައުލޫމާތާއި ހުއްދަ ދޫކޮށްފައިވާ އޮތް ބޭނުމާއި ދެވޭނެ ޒޯނު އެނގިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ވިޔަފާރީގެ އުސޫލުން އެކި ހިދުމަތްތައް ދިނުމަށް ފުލުހުން ދޫކުރި ހުއްދަތައް ބާތިލްކުރަން ނިންމާފައިވީ ނަމަވެސް، އާންމުން ފިހާރަތަކަށް ގޮސް ވިޔަފާރިކުރުމަށް ދޫކުރި ފާސްތައް ބާތިލެއް ނުވާނެއެވެ.