ކުއްލި ޚަބަރު

ކޮވިޑު ޖެހުނު 80 އަހަރުގެ ދިވެހި މީހާގެ ހާލު ދެރަވެ އޮކްސިޖަން ގުޅައިގެން ފަރުވާދޭން ފަށައިފި

އައިދާ އަބްދުލް ހަކީމް

ކޮވިޑު ޖެހުނު 80 އަހަރުގެ ދިވެހި މީހާގެ ހާލު ދެރަވެ އޮކްސިޖަން ގުޅައިގެން ފަރުވާދޭން ފަށައިފިއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، މިމަހުގެ 21 ވަނަ ދުވަހު ކޮވިޑް 19 އަށް ޕޮޒިޓިވްވި 80 އަހަރުގެ ދިވެހި މީހާގެ ހާލު ދެރަވެ އޮކްސިޖަން ގުޅައިގެން ފަރުވާދޭން މިރޭ ފަށާފައިވާ ކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އައި އެ މީހާއަކީ ހަކުރު ބައްޔާއި އަދި އެނޫން ބަލިތައްވެސް ހުރި މީހެއް ކަމަށް އެޗްޕީއޭއިން ވަނީ މީގެ ކުރިން ބުނެފައެވެ. އެމީހާ އެޑްމިޓް ކުރީ އުމުރުން ދުވަސްވީ މީހަކަށް ވެފައި އަދި އެއީ ކޮވިޑް 19ގެ ހައި ރިސްކު ގުރޫޕްގައި ހިމެނޭ މީހަކަށް ވުމުން އޭނާގެ ހާލަތު ގާތުން ބެލުމަށް ކަމަށް ބުނެފައިވެއެވެ.

ޑރ. އަފްޒަލް ވިދާޅުވީ މިހާރު ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑަށް ޕޮޒިޓިވް ވެގެން ހަތަރު މީހަކު މިހާރު އެޑްމިޓް ކޮށްފައިވާ ކަމަށާއި 80 އަހަރުގެ ދިވެހި މީހާ ފިޔަވައި ދެން ތިބި މީހުންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް 19 އަށް ޕޮޒިޓިވް 277 ކޭސް ފެނިފައިވާ އިރު 17 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.