ކުއްލި ޚަބަރު

އިތުރު އިންޒާރެއް: ރެންޑަމް ސާމްޕަލެއް ވެސް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އައިދާ އަބްދުލް ހަކީމް

ރެންޑަމް ސާމްޕަލެއް ވެސް ކޮވިޑް 19އަށް ޕޮޒިޓިވްވެއްޖެއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ރެންޑަމް ސާމްޕަލިންގެ ތެރެއިންވެސް މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ކޮވިޑަށް މިއަދު ޕޮޒިޓިވްވި 27 މީހުންގެ ތެރޭގައި ހިމެނެނީ ބީއާރްބީ ކްލަސްޓާއިން އެކަކާއި އެމްއެންޑީ ކްލަސްޓާގެ 20 މީހުންނާއި ބާޒަރުމަތީ ކްލަސްޓާއިން އެކަކު އަދި ވަކި ކްލަސްޓާއަކަށް ނިސްބަތްނުވާ ހަތަރު މީހުންނާއި ރެންޑަމް ސާމްޕަލިންގެ ތެރެއިން ފެނުނު މީހެއް ކަމަށެވެ. މިއަދު ޕޮޒިޓިވްވި މީހުންނާ ގުޅޭ އިތުރު މައުލޫމާތުތައް މާދަމާ ހާމަކުރާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

"ބީއާރްބީ އެކަކު، އެމްއެންޑީ ކްލަސްޓާގެ 20 މީހުން. މީގެ އިތުރުން ބާޒަރުމަތީ ކްލަސްޓާ އިން އެކަކު އަދި އިންޑެޕެންޑެންޓް ހަތަރު މީހުން އަދި ރެންޑަމް ސާމްޕަލް އިން ފެނުނު އެކަކު ހިމެނޭ." ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ މިއަދު ޕޮޒިޓިވްވި ގިނަ މީހުންނަކީ އެމްއެންޑީއެފްގެ ކްލަސްޓާއަށް ނިސްބަތްވާ މީހުން ކަމަށެވެ. އެގޮތުން އެ ކްލަސްޓާގައި ހިމެނެނީ ކަޅުތުއްކަލާ ކޮށިން ޕޮޒިޓިވްވި ހަތަރުމީހުންނާއި، ކޮވިޑް ވިލެޖަށް ނިސްބަތްވާ ދެމީހުންނާއި، އެމްއެންޑީއެފްގެ އީއެމްއީ ވޯކްޝޮޕަށް ނިސްބަތްވާ 14 މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑަށް 280 މީހަކު ޕޮޒިޓިވެފައިވާ އިރު، މިރޭ ވަނީ މިބަލީގައި ރާއްޖެއިން ފުރަތަމަ ފަހަރަށް މީހަކު މަރުވެފައެވެ.