މިއަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި އޮންނަ ޖީސީއީ އޯލެވެލް، އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނު ނުބާއްވަން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް 19އާ ގުޅިގެން ރާއްޖޭގައި މިއަހަރު ގްރޭޑް 10ގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުން ބައިވެރިވާ އިމްތިހާނުތަކުގެ ސިލަބަސް ނިންމައި، އިމްތިހާނުތަކަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ނުލިބޭނެ ކަމަށް މިނިސްޓްރީއަށް ފެންނަ ކަމަށެވެ. އަދި މިކަމާ ގުޅިގެން މިއަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި އޯލެވެލް އިމްތިހާނު ނުބޭއްވުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މީގެ އިތުރުން ބީޓެކް ދަރިވަރުންގެ އެސައިންމަންޓް ސުންގަޑިތައްވެސް އަލުން މުރާޖާ ކުރާނެ ކަމަށް މިިނިސްޓްރީން ބުނެފައިވެއެވެ. އަދި ދެން މި އިމްތިހާނުތައް އަލުން ބާއްވާނެ ދުވަސްވަރެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. މިނިސްޓްރީން ބުނިގޮތުގައި މި ބަދަލު ގެނައުމުގައި މިނިސްޓްރީން ބަލާނީ ދަރިވަރުންނަށް ލިބޭ ގެއްލުން ވީހާވެސް ކުޑަ ކުރުމަށެވެ.
އޯލެވެލް އިމްތިހާނަށް ބަދަލު ގެންނަން ނިންމި ނަމަވެސް، ކީސްޓޭޖް ފަހެއް ގައި ހިމެނޭ 11 އަދި 12ގެ ދަރިވަރުންގެ އިމްތިހާނުތައް ބާއްވާ ތާރީހުތަކަށް އިތުރު ބަދަލެއް ގެނައުމަށް ހަމަޖެހިފައި ނުވާ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑް 19އަށް މީހަކު ޕޮޒިޓިވްވެފައިވަނީ މިދިޔަ މާޗްމަހު ކުރީކޮޅުއެވެ. އޭރު ސްކޫލުތައް ވަނީ މިޑް-ޓާމް ޗުއްޓީއަށް ބަންދުކޮށްފައެވެ. އޭގެ ފަހުން އަދި ސްކޫލުތައް ހުޅުވާފައި ނުވި ނަމަވެސް އޮންލައިންކޮށް ދަރިވަރުންނަށް ކްލާސް ނަގައި ދިނުމުގެ އިންތިޒާމުތައް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖެއްސިއެވެ.