ކުއްލި ޚަބަރު

ކަރަންޓީނު އަދި އައިސޮލޭޝަނުގައި ތިބޭ މީހުންނަށް ގުޅައި ހިތްވަރުދެއްވާ!: މަބްރޫކް

އައިދާ އަބްދުލް ހަކީމް

2

ކަރަންޓީނު އަދި އައިސޮލޭޝަނުގައި ތިބޭ މީހުންނަށް ގުޅައި ހިތްވަރުދިނުމަށް ކޮވިޑް 19އާ ގުޅޭ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު އިލްތިމާސްކުރައްވައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް 19އާ ގުޅޭ ތަރުޖަމާނު މަބްރޫކު ވިދާޅުވީ ލޮކްޑައުންގައި ގޭގައި ތިބޭއިރު ވީހާވެސް ގިނައިން އާއިލާ މީހުންނަށް ގުޅުމާއި ރަހުމަތްތެރިންނަށް ގުޅައި އެމީހުންގެ ހާލު ބެލުމަކީ މިދުވަސްވަރު ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ކޮވިޑް 19 އާ ގުޅިގެން ކަރަންޓީނު އަދި އައިސޮލޭޝަނުގައި ތިބޭ މީހުންނަށް ގުޅައި ހިތްވަރުދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން ގައިދުރުކުރުން އަދި އެއާއެކު އެކުވެރިކަން ބަދަހިކުރުން. އެއީ މުހިއްމު ކަމެއް. ވަކިން ހާއްސަކޮށް ކަރަންޓީނު ފެސިލިޓީތަކުގައާއި ގޭގައި ކަރަންޓީން ކުރެވިފައި ތިބި އެކުވެރިންނަށް އާއިލާގެ ބޭފުޅުންނަށް ގިނަ ގިނައިން ގުޅުއްވާ އެބޭފުުންނަށް އެބޭނުންވާ ސަޕޯޓު ދެއްވުމަކީ ވަރަށް މުހިންމު ކަމެއް. އަދި އެކަކު އަނެކަކު ވީވަރަކުން އެގުޅުން ބަދަހި ކުރުމަކީ ހާއްސަކޮށް މިކަހަލަ ވަގުތެއްގައި މުހިންމު ކަމެއް." މަބްރޫކް ވިދާލުވިއެވެ.

މަބްރޫކް ވިދާޅުވީ މި ދިމާވެފައި އޮތް ކާރިސާގެ ވަގުތުގައި އާންމުންގެ ތެރޭގައި ވަރަށް ގިނަ ނުތަނަަވަސްކަން އެބަހުރި ކަމަށެވެ. އަދި މާލޭގައި ލޮކްޑައުންގެ ހާލަތުގައި ތިބޭއިރު ވެސް އަދި ރަށްރަށުގައި ވެސް މިހާރު އޮތް ހާލަތަށް ބަލާއިރު ވެސް މި ބަލިމަޑުކަން އިތުރަށް ފެތުރިދާނެތީ އެކަމާ ހާސްވެ ކަންބޮޑުވެ އެންމެން ތިބީ ގެއަށް ވަންނަން ޖެހި އަދި ގާއިދުރު ކުރަން ޖެހިފައި ކަމަށެވެ.

މިކަހަލަ ވަގުތެއްގައި ނަފްސާނީ އެތައް ކަމަކާ ދިމާވާ ކަމަށާއި އަދި އެކަންކަމުގައި އެންމެން އެކީ މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް މަބްރޫކު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ދިމާވެގެން އުޅޭ ނުތަނަވަސްކަމާ ކުރިމަތިލުމުގައި ހިތްވަރު ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މަބްރޫކް ވިދާލުވީ ޖެންޑާ މިނިސްޓްރީ އާއި ރާއްޖޭގައި ހަރަކާތްތެރިވާ އެންޖީއޯތަކުން ސައިކޯ ސޯޝަލް ސަޕޯޓްވެސް ދިނުމަށް މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟