ކުއްލި ޚަބަރު

ކޮވިޑަށް ޕޮޒިޓިވްވި ސިފައިންގެ ބޭކަލުންގެ އަދަދު 20 އަށް އަރައިފި

އަލީ ޔާމިން

ކޮވިޑް 19އަށް ޕޮޒިޓިވްވި ސިފައިންގެ ބޭކަލުންގެ އަދަދު 20 އަށް އަރައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ސިފައިންގެ 14 ބޭކަލުން މިއަދު ކޮވިޑް 19އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު އެމްއެންޑީއެފުން ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 20އަށް އަރައިފައެވެ.

"އޭގެ ތެރޭގައި ހިމެނެނީ ހަތަރު ބޭފުޅުން ކަޅުތުއްކަލާ ކޮށިން، އަދި ދެ ބޭފުޅަކު އަޅުގަނޑުމެންގެ ކޮވިޑް ވިލޭޖަށް ނިސްބަތްވާ. އަދި 14 ބޭފުޅުން އީއެމްއީ ވޯކްޝޮޕަށް ނިސްބަތްވާ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ އެމްއެންޑީއެފް ކްލަސްޓާ އަކީ ބޮޑު ކްލަސްޓާއަކަށް ވެގެން ހިނގައިދާނެ ކަމަށާއި އެހެންކަމުން ހާއްސަ އިސްކަމެއް ދީގެން އެ ކްލަސްޓާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފްގެ އީއެމްއީ ވޯކްޝޮޕުން 14 ސިފައިން ކޮވިޑަށް ޕޮޒިޓިވްވިއިރު އެ ވޯކްޝޮޕް މިހާރުވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

އެމްއެންޑީއެފްގެ ބޭކަލުންނަކީ ކޮވިޑާ ދެކޮޅަށް ކުރީ ސަފުގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުގެ ހިމެނޭ ބައެކެވެ.