އަލީ ޔާމިން
އަމާޒު ބޯޓުން ޖުމުލަ 118 ކޮންޓެކްޓުން ފެނިފައިވާ ކަމަށާއި 36 މީހަކު ހައި ރިސްކު އަދި 13 މީހެއްގެ އަލާމާތް އެބަހުރި ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، އަމާޒު ބޯޓުގެ ކްލަސްޓާއާ ގުޅިގެން މިހާތަނަށް 118 މީހަކު ކޮންޓެކްޓްސް ފެނިފައިވާ ކަމަށާއި އޭގެ ތެރެއިން 13 މީހެއްގެ ކިބައިން އަލާމާތްތައް ފެނިފައިވާ ކަމަށެވެ.
"މިހާތަނަށް 118 ކޮންޓެކްޓްސް ފެނިފައިވަނީ އަދި 36 މީހަކު ހައިރިސްކުގެ ތެރޭގައި މި ހިމެނެނީ އަދި އޭގެ ތެރެއިން 13 މީހަކު ސިމްޕްޓަމެޓިކް. އަދި ޓެސްޓް ކުރެވުނު މީހުންގެ ތެރެއިންވެސް ދެމީހަކު ނެގެޓިވްވެފައިވަނީ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވަނީ ނަރުދޫގައި މިހާރު އޮތީ ކޮމިޔުނިޓީ ޓްރާންސްމިޝަނެއް ކަމަށް ވިދާޅުވެފައެވެ.
އަމާޒު ބޯޓުގެ ކޭސްއާ ގުޅިގެން ށ. ނަރުދޫއިން އެންމެ ފުރަތަމަ ޕޮޒިޓިވްވި ކައްޕި ހިމެނޭހެން އެރަށުން ޖުމްލަ އަށް މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި ށ. މިލަންދޫއިން އެކަކު މި ކްލަސްޓާއާ ގުޅިގެން ވަނީ ޕޮޒިޓިވްވެފައެވެ.
"ވަން"އަށް އެގިފައިވާ ގޮތުގައި ނަރުދޫއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ކައްޕީގެ އަނބިމީހާއާއި، އެދެމެފިރިންގެ ތިން ދަރީންގެ އިތުރުން އަމާޒު ބޯޓުގެ ދެ ކުރޫއިން ހިމެނެއެވެ.
އެންއީއޯސީގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، މިމަހުގެ 15 ވަނަ ދުވަހު އަމާޒު ބޯޓު މާލެއިން ފުރާފައިވަނީ 98 މީހުންނާއެކު ކަމަށާއި އެ ބޯޓުން ދަތުރުކުރި މީހުން ނ، ށ އަދި ހއ. އަތޮޅުގެ ބައެއް ރަށްރަށަށް ދަތުރުކޮށްފައިވާ ކަމަށެވެ.
އެ ކޭސްއާ ގުޅިގެން މިހާތަނަށް ވަނީ ށ، ނަރުދޫ، ށ. ފުނަދޫ، ށ. މިލަންދޫ، ށ. ފީވަށް، ށ. މާއުނގޫދޫ، ށ. ގޮއިދޫ، ށ. ޅައިމަގު، ނ. ހޮޅުދޫ، ނ. މާފަރު، ނ. މިލަދޫ، ނ. ކެނދިކުޅުދޫ، ނ. ހެނބަދޫ، ނ. ވެލިދޫ، ހއ. އުތީމު އަދި ހއ. ދިއްދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އަދި މިއަދު ވަނީ ރ. އިނގުރައިދޫވެސް އެ ކޭސްއާ ގުޅިގެން މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.