ކުއްލި ޚަބަރު

ރާއްޖޭގައި ކޮވިޑް ޖެހިފައިވާ މީހުންގެ 32 ޕަސެންޓަކީ އެއްވެސް އަލާމާތެއް ނުފެންނަ މީހުން: ޑރ. އަފްޒަލް

ރާއްޖޭގައި ކޮވިޑް ޖެހިފައިވާ މީހުންގެ 32 ޕަސެންޓަކީ އެއްވެސް އަލާމާތެއް ނުފެންނަ މީހުން ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ރާއްޖޭގައި ކޮވިޑު ޖެހިފައިވާ ގިނަ މީހުންނަނީ އުމުރުން 12 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އަލާމާތްތައް ފެނިފައިވަނީ 68 އިންސައްތަ މީހުންގެ ގައިން ކަމަށެވެ.

"މިއަދަދަކީ އަބަދުވެސް ޑައިނެމިކްކޮށް ބަދަލުވަމުން އަންނާނެ އަދަދެއް. އެހެންކަމުން މިހާރުގެ އަދަދަކީ އޭސިމްޕްޓަމެޓިން 32 ޕަސަންޓް އަދި ސިމްޓަމެޓިން 68 ޕަސަންޓް" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ކޮވިޑަކީ އެއްވެސް އަލާމާތެއް ނުފެނިވެސް ޖެހޭ ބައްޔެއް ކަމަށާއި، ބައެއް ފަހަރު ވަރަށް އާދައިގެ އަލާމާތްތައްވެސް ބަލި މީހުންގެ ފަރާތުން ފެންނަ ކަމަށެވެ.

ދުނިޔޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑް ޖެހޭ 80 އިންސައްތަ މީހުންގެ ފަރާތުން ފެންނާނީ ވަރަށް ކުދި އަލާމާތްތަކެވެ. އަދި އެމީހުން ހޮސްޕިޓަލުގައި އެޑްމިޓް ކުރާކަށް ނުޖެހޭނެއެވެ. ބަލީގެ އަލާމާތްތައް ގިނަވެ ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހެނީ ބަލި ޖެހޭ މީހުންގެ 20 އިންސައްތަ މީހުންނެވެ. އަދި އޭގެ ތެރެއިން އައިސީޔޫއަށް ލާން ޖެހެނީ ފަސް އިންސައްތަ މީހުންނެވެ.