އަލީ ޔާމިން
ކޮވިޑަށް ސާމްޕަލް ނަގާފައިވަނިކޮށް މަރުވި މީހުންގެ އަދަދު 3 އަށް އަރާފައިވާ ކަމަށާއި އެއްވެސް މީހެއްގެ ނަތީޖާ އަދި ނުލިބޭ ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ގދ. ތިނަދޫއިން މަރުވި ދެ މީހަކާއި، މިއަދު މާލެއިން މަރުވި މީހެއްގެ ސާމަޕަލް ނަގައި ކޮވިޑަށް ޓެސްޓް ކުރަމުން އަންނަ ކަމަށެވެ.
މަބްރޫކް ވިދާޅުވީ ތިނަދޫ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވި 87 އަހަރުގެ މީހެއް ކަމަށާއި މިއަދު އެ ހޮސްޕިޓަލްގައި މަރުވީ 78 އަހަރުގެ މީހެއް ކަމަށެވެ. އެ ދެ މީހުންނަކީ ވެސް ނޭވާލުމުގެ މައްސަލަތަކެއް ކުރިމަތިވެގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ ދެ މީހުން ކަމަށް ވިދާޅުވިއެވެ.
ތިނަދޫގައި މަރުވި 87 އަހަރުގެ މީހާ ވަޅުލާފައިވަނީ ހިނެވުމުގެ ބަދަލުގައި ތަޔައްމަމު ކުރުމަށް ފަހުގައެވެ. އެ މީހާ ތަޔައްމަމު ކުރުމަށް ނިންމީ އެމީހާގެ ކަށުކަމާކެމީގެ ކަންކަން ކުރި ޖަމާއަތްތެރީންގެ ޓީމުންނެވެ.
މީގެ އިތުރުން މިއަދު މާލޭގައި މަރުވި 83 އަހަރުގެ މީހާއަކީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވެ، ސާމްޕަލް ނެގިފައިވާ މީހެއް ކަމަށާއި އެމީހާ މަރުވިއިރު ނަތީޖާ ނުލިބޭ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
"އެ ތިން މީހުންގެ ސާމްޕަލްވެސް ވަނީ ނަގާފައި. އަޅުގަނޑުމެންނަށް އަދި ނަތީޖާއެއް ނުލިބޭ،" މަބްރޫކް ވިދާޅުވިއެވެ.
މި ތިން މީހުންނާ ގުޅޭގޮތުން އިތުރު މައުލޫމާތު ހާމަކުރުމަށް މާދަމާ ޓެގުން ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ.