ފަރުކޮޅުފުށީ އައިސޮލޭޝަންގައި ތިބި މީހުން ބަނޑޮހަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ ފަރުކޮޅުފުށީގެ ފެސިލިޓީގައި ތިބި މީހުން ބަނޑޮހަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވަނީ އެ ފެސިލިޓީގައި ދިމާވި ބައެއް މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރުމަށް ކަމަށެވެ.
މީގެ އިތުރުން މާލެ ސަރަހައްދުން ދެން ފެންނަ ޕޮޒިޓިވް ކޭސްތަކުގެ މީހުން ދެން ބަދަލު ކުރާނީ ބަނޑޮހުގެ ފެސިލިޓީއަށް ކަމަށް މަބްރޫކު ވިދާޅުވިއެވެ.
ވާރޭވެހެން ފެށުމާއެކު މަދިރީގެ މައްސަލަ ފަރުކޮޅުފުށީގައި ބޮޑުވުމުގެ އިތުރުން ފުރާޅުން ފެން ލީކުވުމުގެ މައްސަލަ ދިމާވެފައިވާކަމަށް މީގެ ކުރީގެ ޕްރެސްއެއްގައި މަބުރޫކު ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ފަރުކޮޅުފުށީގެ ވޯޑަކަށް ފެން ވަދެ ކަރަންޓް ޝޯޓެއްވެ ކަރަންޓް ކެނޑިފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވެފައިވެއެވެ.
ފަރުކޮޅުފުށީގައި ހަތަރު ވޯޑު ހުންނައިރު އެތަނުގެ އެނދުގެ އަދަދު މިހާރު ވަނީ 50 އަށް އިތުރުކޮށްފައެވެ. އޭގެ ތެރޭގައި އައިސީޔޫ އެނދުވެސް ހިމެނެއެވެ.