އިތުރު 13 ދިވެއްސަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑް 19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 269 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިތުރު ބަޔަކު ޕޮޒިޓިވްވެ، ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 269 އަށް އަރާފައިވާ ކަމަށެވެ.
އެންމެ ފަހުން ޕޮޒިޓިވްވި 13 މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ. އެ އަދަދާއެކު ރާއްޖޭގައި ޕޮޒިޓިވްވި ބަންގުލަދޭޝް މީހުންގެ އަދަދަށް ވުރެ، އަލުން ދިވެހިންގެ އަދަދު ވަނީ އިތުރުވެފައެވެ. ރާއްޖޭގައި 117 ދިވެއްސަކު ޕޮޒިޓިވްވެފައިވާ އިރު، ބަންގުލަދޭޝްގެ 115 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
އިތުރު 13 މީހަކު ޕޮޒިޓިވްވުމާއެކު މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 19 އަށް އަރައިފައެވެ. މިއަދު ކުރިން ޕޮޒިޓިވްވި ހަ މީހުންގެ ތެރޭގައި ހިމެނެނީ ފަސް ދިވެއްސަކާއި ޕާކިސްތާނުގެ މީހެކެވެ.
ރާއްޖޭގައި ކޮވިޑް ޖެހުނު 269 މީހުންގެ ތެރެއިން އެ ބަލިން ރަނގަޅުވެފައިވަނީ 17 މީހެކެވެ. އަދި ޕޮޒިޓިވްވި ތިން މީހަކަށް އައިޖީއެމްއެޗްގެ ޑީއެޗް 11ގައި އަންނަނީ ފަރުވާ ދެމުންނެވެ. އެއީ ދެ ދިވެހިންނާއި ޕާކިސްތާނުގެ މީހެކެވެ.
ކޮވިޑް 19 ޖެހިފައިވާ މީހަކު މާލޭން ފުރަތަމަ ފެނުނީ މި މަހުގެ 15 ދުވަހުއެވެ. އެދުވަހުން ފެށިގެން މާލެ ސަރަހައްދު ވަނީ ލޮކްޑައުންކޮށްފައެވެ. އަދި މުއްދަތެއް ނެތް ގޮތަށް މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން މާލެ ފިޔަވައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަނީ ލޮކްޑައުން އިއުލާންކޮށްފައެވެ. އަދި މިއަދު ވަނީ މާލޭ ސަރަހައްދުގެ ލޮކްޑައުންގެ މުއްދަތު އިތުރު ދެ ހަފުތާއަށް އިތުރުކޮށްފައެވެ.