ޝެއިޚް ޑރ. މުހައްމަދު އިޔާޒް

ކިތަންމެ ކުޑަ ނަމަވެސް އެއްބަސްވުމެއް އޮތްނަމަ އެއަށް އަމަލުކުރަންޖެހޭނެ: ޑރ. އިޔާޒް

ޝަހީދާ އަބްދުﷲ ސައީދު

ދެމީހެއްގެ މެދުގައި އެއްބަސްވުމެއް އުފެދިފައިވާ ނަމަ، އެއްބަސްވުމަށް އަމަލުކުރަންޖެހޭނެ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒު މިހެން ވިދާޅުވީ މަޖިލީހުގެ އިންތިހާބާ ގުޅޭ ގޮތުން ސަރުކާރު ކޯލިޝަންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ނޯންނާނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ދެއްކެވި ވާހަކަތަކަށް ބާރު ލިބޭ ގޮތަށް ހާމިދު އަބްދުލްޣަފޫރު ކުރެއްވި ޓުވީޓެއް ރީ-ޓުވީޓު ކުރައްވަމުންނެވެ.

އިޔާޒުގެ ޓުވީޓުގައި ވަނީ ތިންބައި މީހުންގެ މެދުގައި ވެފައިވާ އެއްބަސްވުމަކީ އަމަލުކުރަން ނުޖެހޭ އެއްޗެއްތޯ ސުވާލުކުރައްވައިފައެވެ.

އޭނާގެ ޓުވީޓުގައި އިތުރަށް ވިދާޅުވީ ދެމީހެއްގެ މެދުގައި ވިޔަސް، އަދި ކިތަންމެ ކުޑަ ނަމަވެސް އެއްބަސްވުމެއް އޮތްނަމަ އެއަށް އަމަލުކުރަންޖެހޭނެ ކަމަށެވެ. އަދި ތިމާގެ ބޭނުން ފުދުނީމަ އެއްލައިލައިގެން ނުވާނެ ކަމަށްވެސް ޓުވީޓުގައި ވިދާޅުވިއެވެ.

ހާމިދު ކުރެއްވި ޓުވީޓުގައި ވަނީ އެވިދާޅުވި ފަދަ ކޯލިޝަން އެއްބަސްވުމެއް ނެތީ ހަގީގަތުގައިވެސް ހަތަރު ޕާޓީން އެއްބަސްވުމަކަށް އާދެވިފައި ނެތީމަކަން ހަސަން ލަތީފު ދެއްކެވި ވާހަކަތަކުން ހާމަކޮށްދެއްވައިފި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ ދާއިރާތައް ކަނޑައެޅުމުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ މެދުގައި ވަނީ ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފައެވެ. އެގޮތުން ކޯލިޝަނުގެ އެއްބަސްވުމެއް އޮތްކަމަށް ޕާޓީތަކުން ބުނާއިރު، ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ދަނީ އެފަދަ އެއްބަސްވުމެއް ނޯންނާނެ ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ.