ކުއްލި ޚަބަރު

އިތުރު 5 ދިވެހީންނާއި ޕާކިސްތާނު އަންހެނަކު ޕޮޒިޓިވް ވެ ރާއްޖޭގެ އަދަދު 256 އަށް އަރައިފި

އިތުރު 5 ދިވެހީންނާއި ޕާކިސްތާނު އަންހެނަކު ޕޮޒިޓިވް ވެ ރާއްޖޭގެ އަދަދު 256 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޕްޑޭޓް ކުރަމުން އަންނަ ކޮވިޑް 19ގެ ތަފާސް ހިސާބުތައް ފެންނަ ޑޭޝްބޯޑުގައި ބުނެފައިވާ ގޮތުން އެ ހަ މީހުންގެ ތެރޭގައި ހިމެނެނީ ޕާކިސްތާނުގެ 24 އަހަރުގެ އަންހެނަކާއި އުމުރުން 30 އަހަރާއި 49 އަހަރާ ދެމެދުގެ ދިވެހި ފަސް ފިރިހެނުންނެވެ.

އޭގެ ތެރެއިން ތިން މީހުންނަކީ މިހާތަނަށް ފެނިފައިވާ އެއްވެސް ކުލަސްޓާއަކާ ގުޅުމެއް ނެތް މީހުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މި ކޭސްތަކާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 256 އަށް އަރާފައިވާއިރު ރާއްޖެއިން މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 17 މީހެކެވެ. އަދި ޕޮޒިޓިވް ވި ތިން މީހަކަށް އައިޖީއެމްއެޗްގެ ޑީއެޗް 11ގައި އަންނަނީ ފަރުވާ ދެމުންނެވެ. އެއީ ދެ ދިވެހިންނާއި ޕާކިސްތާނުގެ މީހެކެވެ.

ރާއްޖޭގައި ކޮވިޑް 19 ޖެހުނު މީހުންގެ އަދަދު 250 އަށް އަރާފައިވާއިރު އެބަލި ގިނައިން ޖެހިފައިވަނީ ބިދޭސީންނަށެވެ. އޭގެ ތެރެއިން ވެސް ގިނައީ ބަންގުލަދޭޝް މީހުންނެވެ.

ކޮވިޑް 19 ޖެހިފައިވާ މީހަކު މާލޭން ފުރަތަމަ ފެނުނީ މި މަހުގެ 15 ދުވަހުއެވެ. އެދުވަހުން ފެށިގެން މާލެ ސަރަހައްދު ވަނީ ލޮކްޑައުންކޮށްފައެވެ. އަދި މުއްދަތެއް ނެތް ގޮތަށް މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން މާލެ ފިޔަވައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަނީ ލޮކްޑައުން އިއުލާންކޮށްފައެވެ. އަދި މިއަދު ވަނީ މާލޭ ސަރަހައްދުގެ ލޮކްޑައުންގެ މުއްދަތު އިތުރު ދެ ހަފުތާއަށް އިތުރުކޮށްފަ އެވެ.