ކުއްލި ޚަބަރު

ކައުންސިލް އިންތިހާބު ފަސްކުރުމަށް ހުށަހެޅި ހާއްސަ ބިލް މަޖިލީޙުން ފާސްކޮށްފި

އިބްރާހިމް ޒަކީ

ލޯކަލްކައުންސިލް އިންތިހާބު ފަސް ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020" މަޖިލީހުުން ދެންމެ ފާސްކޮށްފިއެވެ.

މިއީ މިމަހު 4 ގައި ބާއްވަން އޮތް ކައުންސިލް އިންތިހާބު ކޮވިޑް 19 ގެ ސަބަބުން މިމަހު 18 އަށް ފަސް ކުުރުމުންވެސް އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތްކަމަށް ބުނެ އީސީން އިންތިހާބު ނުބާއްވަން ނިންމުމުން އެ އިންތިހާބު ކުރިއަށް ގެންދާނެ ދުވަސްވަރެއް ގާނޫނަކުން ކަނޑައެޅުމަށް ހުށަހެޅި ބިލެކެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ސަންސެޓް ގާނޫނުގެ މި ބިލް ފާސްކުރީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް މަޖިލިސް ތަޅުމަށް ހުށަހެޅުމުން ގެނައި ބައެއް ކުދި ކުދި އިސްލާހުތަކާއެކުގަ އެވެ.

އެ އިސްލާހުތަކާއެކު ބިލް ފާސްކުރީ ޖަލްސާގައި ތިއްބެވި 70 މެންބަރުންގެ ތެރެއިން ވޯޓް ދެއްވި 63 މެމްބަރުންގެ އިއްތިފާގުންނެވެ.

މިބިލްގައި ވާގޮތުން ކައުންސިލް އިންތިހާބު ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ދެން ފަށަން ޖެހޭނީ އިންތިހާބާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމަކީ އާއްމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުންނެވެ.

ބިލުގައިވާގޮތުން، އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ސިވިލް ސާވިސްގެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑް ކޮށްފައި އޮތް އޮތުން ބާތިލްވާނީ މި ގާނޫނަށް އަމަލުކުރަން ފެށުމުންނެވެ. އަދި އެ މީހުންގެ ސަސްޕެންޝަން އުވާލާ ހިސާބުންފެށިގެން އަލުން ސަސްޕެންޑް ކުރެވެންދެން، ކެމްޕެއިންގެ އެއްވެސް ކަމެއްގައި ބައިވެރި ނުވެވޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

ބިލުގައިވާ ގޮތުން، އިންތިހާބު ފަސްކުރިޔަސް އެ އިންތިހާބުގައި ވާދަކުރެވޭނީ މިހާރު ވެސް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށެވެ. އަދި ވާދަ ކުރަން ނުޖެހި އޮޓަމެޓިކުން އިންތިހާބު ވެފައިވާ ކެންޑިޑޭޓުންނަށް މަގާމާ ހަވާލު ވެވޭނީ ފަސްކޮށްފައިވާ އިންތިހާބުގެ ވޯޓުުލުން ބޭއްވުމަށް ފަހު، އަލަށް އިންތިހާބުވާ މެންބަރުންނާ އެކު ކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ.