ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގެ ލޮކްޑައުން އިތުރު 14 ދުވަހަށް އިތުރުކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.
މާލެއިން ކޮވިޑް ޖެހިފައިހުރި މީހަކު ފެނުމުން މާލެ، ވިލިމާލެ އަދި ހުޅުމާލެ ފުރަތަމަ ލޮކްޑައުންކުރީ މިމަހުގެ 15 ވަނަ ދުވަހު، 24 ގަޑިއިރަށެވެ. ނަމަވެސް އެ މުއްދަތު ހަމަވުމާއެކު އިތުރު 24 ގަޑިއިރަށް ލޮކްޑައުންގެ މުއްދަތު ދަންމާލިއެވެ. އަދި މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ލޮކްޑައުންގެ މުއްދަތު އިތުރުކުރިއެވެ.
އެ މުއްދަތު މާދަމާގެ މެންދުރަށް ހަމަވާއިރު ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ދެންމެ ނެރުއްވި އިއުލާނެއްގައި ބުނީ، މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ މަގުމައްޗަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމަށް އެންގި އެންގުމުގެ މުއްދަތު 14 ދުވަހަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. އެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 14 ވަނަ ދުވަހުގައެވެ.
ލޮކްޑައުންގެ މުއްދަތުގައި މާލެ ސަރަހައްދުގައި ޕަބްލިކް ޓްރާންސްޕޯޓް (ބަހާއި ފެރީ)ގެ ހިދުމަތް ދިނުމާއި މާލެ، ހުޅުމާލެ، ވިލިމާލޭގެ އިތުރުން ތިލަފުއްޓާއި ގުޅީފަޅަށް މީހުން އަރައި ފޭބުން މަނާވާނެއެވެ.
ނަމަވެސް ސިފައިންނާއި ފުލުހުން، ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު، އެމްބިއުލާންސް، ނޭޝަނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ފާސް ލިބިފައިވާ ފަރާތްތަކާއި މީޑިއާތަކުގެ އިތުރުން ފުލުހުން ހުއްދަދޭ ފަރާތްތައް މިފިޔަވަޅުތަކުން އިސްތިސްނާވާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މާލެ ސަރަހައްދުގެ ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފައިވާއިރު މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދު ފިޔަވައި، ރާއްޖޭގެ ހުރިހާ ރަށެއް ވަކި މުއްދަތެއް ނެތް ގޮތަށް މުޅި ރާއްޖެ ވަނީ ލޮކްޑައުންކޮށްފައެވެ.
އެގޮތުން ރަށްރަށުގައި ޕާޓީތަކާއި ހަފުލާތައް ބޭއްވުމާއި، މާހެފުމާއި، ދަތުރުދިއުމާއި، މޫދަށް އެރުމާއި، ކުޅިވަރުކުޅުމާއި، އިޖުތިމާއީ އެނޫން ހަރަކާތްތައް ބޭއްވުމާއި ގިނަ ބަޔަކު އެއްވެ އުޅުން ވެސް ވަނީ މަނާކޮށްފައެވެ.
ރާއްޖޭގައި ކޮވިޑް 19 ޖެހުނު މީހުންގެ އަދަދު 250 އަށް އަރާފައިވާއިރު އެބަލި ގިނައިން ޖެހިފައިވަނީ ބިދޭސީންނަށެވެ. ގިނައީ ބަންގުލަދޭޝް މީހުންނެވެ.