ށ. ނަރުދޫއިން މާބަނޑު މީހަކު ޕޮޒިޓިވްވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ ނަރުދޫއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާބަނޑު މީހަކު ވެސް ހިމެނޭ ކަމަށެވެ.
"ނަރުދޫއިން ޕޮޒިޓިވްވި އަށް މީހުންގެ ތެރޭގައި މާބަނޑު މީހަކު ހިމެނޭ،" އޭނާ ވިދާޅުވިއެވެ.
ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އަމާޒު ބޯޓުގެ ކޭސްއާ ގުޅިގެން ށ. ނަރުދޫއިން އެންމެ ފުރަތަމަ ޕޮޒިޓިވްވި ކައްޕި ހިމެނޭހެން އެރަށުން ޖުމްލަ އަށް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ށ. މިލަންދޫއިން އެކަކު މި ކްލަސްޓާއާ ގުޅިގެން ޕޮޒިޓިވްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިތުބާރު ހުރި މަސްދަރަކުން "ވަން" އަށް ކަށަވަރުކޮށްދިން ގޮތުގައި އިއްޔެ ހަވީރު ނަރުދޫއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ އަމާޒު ބޯޓުގެ ކައްޕިގެ އަންހެނުންނާއި އޭނާގެ ތިން ދަރިންގެ އިތުރުން ބޯޓުގެ ވެރިފަރާތުގެ އާއިލާ ދެ މީހެކެވެ. އެ ދެމީހުންނަކީ އެ ބޯޓުގެ ދެ ކުރޫންނެވެ.
ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ކައްޕީގެ ދެ އަންހެން ދަރިންނާއި ފިރިހެން ދަރިއެކެވެ. އެ އެންމެންނަކީ ވެސް 18 އަހަރުން މަތީގެ މީހުންނެވެ.
ޕޮޒިޓިވްވި އަންހެނުންގެ ތެރެއިން މާބަނޑު މީހަކީ ކާކު ކަމެއް އެންއީއޯސީން ހާމަކޮށްފައެއް ނުވެއެވެ. ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސުވާލުކުރުމުން މަބްރޫކު ވިދާޅުވީ އެ މައުލޫމާތު ދެވެން ނެތް ކަމަށެވެ.
ނަރުދޫއިން އިއްޔެ ޕޮޒިޓިވްވި އެންމެން މިވަގުތު ތިބީ ނަރުދޫގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެންމެންނަކީ ވެސް މިމަހުގެ 16 ވަަނަ ދުވަހުން ފެށިގެން ހޯމް އައިސޮލޭޝަންގައި ތިބި މީހުންނެވެ.
ޑރ. އަފްޒަލް ވިދާޅުވީ ނަރުދޫގައި މިހާރު ކޮމިޔުނިޓީ ޓްރާންސްމިޝަނެއް އެބައޮތް ކަމަށާއި އެހެންނަމަވެސް އެއީ ވަރަށް ރިލޭޓިވް ކޮމިޔުނިޓީ ޓްރާންސްމިނިޝަނެއް ކަމަށެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 250 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 151 ބިދޭސީންނާއި 99 ދިވެހިންނެވެ. މިހާތަނަށް 17 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު، ދެ މީހަކު ޕޮޒިޓިވްވިކަން އެނގުނީ އެ ދެ މީހުން ރާއްޖެއިން ފުރި ފަހުންނެވެ.