ކުއްލި ޚަބަރު

އިތުރު މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 250 އަށް އަރައިފި

އިތުރު މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 250 އަށް އަރައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ މިހާރު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 250 އަށް އަރާފައިވާ ކަމަށެވެ.

"މިރެއާ ހަމައަށް 7723 ސާމްޕަލެއް މިވަނީ ނެގިފައި. 250 ސާމްޕަލެއް ޕޮޒިޓިވް. 6286 ސާމްޕަލެއްގެ ނަތީޖާ ނެގަޓިވް. އަދި ސާމްޕަލް ނުލިބި މިވަގުތު ލެބޯޓަރީގައި 1088 ސާމްޕަލް އެބަހުރި." އޭނާ ވިދާޅުވިއެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 21އަށް އަރައިފައެވެ. އަމާޒު ބޯޓުން އެކި ރަށްރަށަށް ދަތުރުކޮށްފައިވާ މީހުންގެ ސާމްޕަލްތައް މިހާރު ނަގަމުން އަންނަ އިރު، އޭގެ ތެރެއިން ބައެއް މީހުން ޕޮޒިޓިވްއެވެ. މިމަހުގެ 15ގައި އެ ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން އެންމެ ފުރަތަމަ ޕޮޒިޓިވްވީ އެ ބޯޓުގެ ކައްޕިއެވެ. އޭގެ ފަހުން އޭނާގެ އަންހެނުންނާއި ތިން ދަރިން އަދި ބޯޓުގެ ދެ ފަޅުވެރީން ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ކޮވިޑް 19 ޖެހިފައިވާ މީހަކު މާލޭން ފުރަތަމަ ފެނުނީ މި މަހުގެ 15 ދުވަހުއެވެ. އެދުވަހުން ފެށިގެން މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފައެވެ. އަދި ފަހުން މުޅި ރާއްޖޭގައި ލޮކްޑައުން އިއުލާނުކުރި އެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވީ 17 މީހެކެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން އިތުރު ތިން މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އެއީ ދެ ދިވެހިންނާއި ޕާކިސްތާނުގެ މީހެކެވެ.